2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީ އަށް 160،000 ވޯޓު ހޯދަން ޖެހޭ ކަމަށާ އެކަން ކުރެވޭނީ އެންމެން ގުޅިގެން ކަމަށް އެމްޑީޕީގެ ޗެއާޕަރސަން ކަމަސް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ބޮޑު ބަދަލު" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 2028 ގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް  160،000 ވޯޓު ހޯދަން ޖެހޭއިރު އެކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. 

އެ އިންތިޚާބު ކާމިޔާބު ކުރުމަށް ވެސް އޮތް މުއައްސަސާ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި އެންމެންނާ ވެސް ބައްދަލުވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮންމެ ބޭފުޅެއް ކައިރިއަށް ވެސް އަޅުގަނޑުމެން އެބަޖެހޭ ދާން. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް މި މޭޔަރާ އެކު މިކަމުގައި ބުރަ މަސައްކަތްތަކެއް ކުރަން. އައްޑޫގެ މޭޔަރު ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ތިނަދޫގެ މޭޔަރު ވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. ފުވައްމުލަކު މޭޔަރުވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. މާލޭ މޭޔަރު ވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން އެންމެން އެކީގައި، އަދި ކުދި ރަށްރަށުގެ ކައުންސިލްތަކާ އެ ކައުންސިލްތަކުގެ ރައީސުންނާ އިންނާ އަދި އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންނާ އެމްޑީޕީގެ ގޮފިތަކުގެ ރައީސުންނާ، އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާ، އަޅުގަނޑުމެން އެންމެން ގުޅިގެން މި މަސައްކަތް ކުރަން އެބަ ޖެހޭ.
 ޗެއާޕަރސަން ކަމަސް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު

އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީން 51 އިންސައްތަ ވޯޓު ކަށަވަރުކުރަން ޖެހޭނެ ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިކަން ކުރުމަށްޓަކައި އެމްޑީޕީ އަލުން ރުކުރަވާލައި ކުރީގެ ފޯރިއާ ޖޯޝުގައި ތެދުވަން ޖެހޭ ކަމަށެވެ.

އެންމެ ބޮޑަށް ބޭނުންފުޅުވަނީ ރައްޔިތުންގެ ބައިވެރިވުން ކަމަށާއި އެ ބައިވެރިވުން ނެތި، މަސައްކަތްތައް ނުކުރެވޭނެ ކަމަށެވެ. ޕާޓީގައި ނެތް ހިތްވަރެއް އަދި ބުންވަރެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.