ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި
ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނަށާއި އެތަނުގައި ހުރި ތަކެއްޗަށް ބޮޑެތި
ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިލަންދޫގައި
ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް
ލިބިފައިވަނީ 2026 ޖޫން 1 ވަނަ ދުވަހުގެ ރޭ 23:09 އެހައިކަންހާއިރު އެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އަލިފާން ނިއްވުމުގެ
މަސައްކަތް ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ވަނީ ފަށާފައެވެ.

ފުލުހުންނާއި އާންމުން ގުޅިގެން ކުރި ބުރަ މަސައްކަތުން،
އެ ތަނުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު
އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް،
އެ ތަނުގައި ހުރި މުދަލަށާއި އިމާރާތަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ
ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، އެ ތަނުގައި ހުރި ތިން ޑިންގީއަކާއި، ޑިންގީ
ބަނުމަށް ބޭނުންކުރާ ތައްގަނޑުތަކެއްގެ އިތުރުން ފައިބަރު މަސައްކަތް ކުރުމަށް ބޭނުންކުރާ
ގިނަ އަދަދެއްގެ ސާމާނު އަނދައިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ފައިބަރު މަސައްކަތް ކުރާ އިމާރާތަށް
ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.