ދެ ކަކޫ ބިނދިގެން
ނުތެދުވެވި އޮތް ބަލި މީހަކަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ނުލިބި ބޮޑު ދަތިތަކަކަށް
ކުރިމަތިވެއްޖެއެވެ.

 އުސްތަނަކުން ވެއްޓުނު މި ބަލި މީހާއަށް ހއ ދިއްދޫއިންނާއި
ކުޅުދުއްފުށިން ފަރުވާ ނުލިބި، މާލެއަށް ގެންދިއުމަށް އާސަންދައަށް ހުށަހެޅުމުން އެއާ
އެމްބިއުލާންސް ހަމަޖެހެން ނެތްކަމަށް ވަނީ ބުނެފައެވެ.

އާސަންދައިން
މި ބަލި މީހާގެ ގާތުގައި ބުނެފައި އޮތީ އެއީ އެމަޖެންސީ ހާލަތެއްކަމަށް ނުވާތީ އެއާ
އެމްބިއުލާންސް ހަމަޖެހެން ނެތްކަމަށެވެ. ނަމަވެސް މި ބަލި މީހާ އޮތީ ވަރަށް ހާލުގައި
ނުތެދުވެވޭ ހާލަތުގައި ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.

މި މައްސަލައާ
ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމު މެދުވެރިކޮށް ގުޅާލުމުން އާސަންދައިން ބުނީ، އެމަޖެންސީ ރިފަރަލް ކޭސްތަކުގައި އެއާ އެމްބިއުލާންސްގެ
ޚިދުމަތް ލިބޭނެ ކަމަށެވެ. އެއީ ޑޮކްޓަރު އެގޮތަށް ރެކޮމެންޑު ކުރުމުން، ވަގުތުން ވަގުތަށް
މީހަކަށް ފަރުވާ ދޭން ޖެހޭ ހާލަތްތަކުގައި ކަމަށް އާސަންދައިން ބުނެފައިވެއެވެ.

އެމަޖެންސީ ރިފަރަލް ކޭސްތަކުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބޭނީ. އެއީ ޑޮކްޓަރު އެގޮތަށް ރެކޮމެންޑު ކުރާ ޙާލަތްތަކުގައި، އެއީ ވަގުތުން ވަގުތަށް މީހަކަށް ފަރުވާ ދޭން ޖެހޭ ޙާލަތް.
އާސަންދައިގެ އޮފިޝަލެއް

މި ބަލި މީހާ
އާދިއްތަ ދުވަހުން ފެށިގެން އޮތީ ދިއްދޫގައި އެޑްމިޓު ކޮށްފައެވެ. ދިއްދޫއިންނާއި ކުޅުދުއްފުށިންވެސް
ފަރުވާ ދެވޭކަށް ނެތް ކަމަށް ބުނެ، ތަދުކަނޑުވާ އިންޖެކްޝަން ޖަހާފައި ދިއްދޫ
ހޮސްޕިޓަލުގައި އެ މީހާ ބާއްވާފައި އޮތް ކަމަށް ވެއެވެ.

މި ބަލި މީހާއަށް
ހުކުރު ދުވަހުގެ ކުރިން މާލެ އާދެވޭކަށް ނެތް ކަމަށާއި، އޭނާގެ އާއިލާވެސް ތިބީ ބޮޑު
ނުތަނަވަސްކަމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެއާ އެމްބިއުލާންސްގެ
ޚިދުމަތް ލިބޭނީ އެމަޖެންސީ ހާލަތްތަކުގައި ކަމަށް އާސަންދައިން ބުނި ނަމަވެސް، މި
ފަދަ ހާލަތްތަކުގައި ވެސް އެ ޚިދުމަތް ނުލިބުމަކީ ބަލި މީހުންނަށް ކުރިމަތިވާ ބޮޑު
ދަތިކަމެއް ކަމަށް ރައްޔިތުން ފާހަގަކުރެއެވެ. ރާއްޖޭގެ ހެލްތު ސިސްޓަމްގައި މި ފަދަ
ދަތިތައް ހައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު
ދަނީ ބުނަމުންނެވެ.