ރައީސުލްޖުމްހޫރިއްޔާ
ޑރ. މުހައްމަދު މުއިއްޒަކީ ގައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް
ބޭފުޅެއް ކަމަށާއި، މޭޔަރުކަމުގައި ހުންނެވި އިރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް
ބަލާއިރު އެމަނިކުފާނަކީ ހަގީގަތުގައި އަދަބުދީފައި ހުންނަން ޖެހޭ ބޭފުޅެއް ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރައީސް މުއިއްޒަކީ
އަމިއްލަ ވިޝަނެއް އޮތް ލީޑަރެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އަބަދުވެސް ކުރީގެ
ރައީސް އަބްދުﷲ ޔާމީންގެ ވިޝަންގެ ދަށުން މަސައްކަތް ކުރައްވަމުން އައި ބޭފުޅެއް ކަމަށެވެ.

ހަމައެއާއެކު،
ސިޔާސީ ގޮތުން މީހާ ހޭލުންތެރިވެ ތަސައްރަފް ފުދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ
ތަޖުރިބާ އަކީ ވަރަށް މުހިއްމު އެއްޗެއްކަން ފާހަގަކުރައްވައި، އަލީ ހުސައިން ވިދާޅުވީ
ރައީސް މުއިއްޒުގެ ކިބައިގައި އެ ތަޖުރިބާވެސް ނެތް ކަމަށެވެ.

މީގެ އިތުރުން
މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ފެންނަން އޮތީ މުޅިންވެސް
ކޮރަޕްޝަންގެ މައްސަލަތައް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަލީ ހުސައިން ވިދާޅުވީ
އެ މައްސަލަތަކުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް، ގާނޫނީ ގޮތުން ދޭންޖެހޭ އަދަބު
ދީފައި އޮންނަން ޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒަކީ ވިޝަނަރީ ލީޑަރެއް ނޫން، އެއީ ރައީސް ޔާމީނުގެ ވިޝަންގެ ދަށުން މަސައްކަތް ކުރައްވަމުން އައި ބޭފުޅެއް. ސިޔާސީ ގޮތުން މީހާ ހޭލައްވާލައި، ތަސައްރަފް ފުދުމަށްޓަކައި މަޖިލީހުގެ ތަޖުރިބާ ވަރަށް މުހިއްމު، އެ ތަޖުރިބާވެސް ރައީސް މުއިއްޒުގެ ނެތް، މޭޔަރުކަމުގައިވެސް ފެންނަން އޮތީ މުޅިންވެސް ކޮރަޕްޝަންގެ މައްސަލަތައް، ހަގީގަތުގައި ރައީސް މުއިއްޒަކީ އެ މައްސަލަތަކުގައި ދައުވާކޮށް، އަދަބުދީފައި ހުންނަން ޖެހޭ ބޭފުޅެއް
ގާނޫނީ ވަކީލް އަލީ ހުސައިން

ސަރުކާރުގެ
ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ،
ސަރުކާރުގެ ސައިޒު ކުޑަކުރާ ވާހަކަ ދެއްކުމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވުނު
ނަމަވެސް، އަމަލީ ގޮތުން ފެނިގެންދިޔައީ އެހެން މަންޒަރެއް ކަމަށެވެ. ޑިފެންސް މިނިސްޓަރު
ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް
އޮންނަންވާނެ ކަމަށާއި، ނަމަވެސް ފެނިގެންދިޔައީ ލަނޑެއް ޖަހަން އޮއްވައި ފަހަތަށް
ޖެހި ޕާހެއްގެ ގޮތުގައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ
މިހާރުގެ ހާލަތާ ގުޅޭގޮތުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ އޮޑި މިހާރު ދަނީ ފެތެމުން
ކަމަށާއި، ވަކި ހިސާބަކަށް ދިއުމުން ރިޔަލުގެ ދަށުވެ ސަލާމަތްވާން އުނދަގޫވާނެ ކަމަށެވެ.
މިއަދު ގައުމުން ފެންނަމުންދަނީ އެ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ
މަޖިލީހުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ،
ސަރުކާރުން ދޭ ހާއްސަ ނަފާއާއި މަންފާ ލިބެނީ ޕީއެންސީގެ ވަކި މެމްބަރުންތަކަކަށް ކަމަށެވެ.
އަދި މަޖިލީހުގެ ތެރޭގައި ހުރިހާ ކަމެއް ލީޑުކޮށް ބާރުވެރިކަން ދައްކަނީވެސް ވަކި ބަޔަކު
ކަން ސޯޝަލް މީޑިއާއިންވެސް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ
ނައިބު ރައީސްގެ މަގާމަށް މިހާރު ބަދަލު ގެނެސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީވެސް އެކަށީގެންވާ ކަމެއް
ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.