ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު ނުވަތަ އެންމެ މައްސަލަ ބޮޑު ނުވާނެ މީހަކު އެ މަޤާމަށް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދު ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިޚާބު  ކުރީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ސަލީމް އައްޔަނުކުރެއްވީ އެ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ ވޯޓުންނެވެ.

ސަލީމް އާ ވޯޓުގައި ވާދަ ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރުން ހުސައިން ޒިޔާދު އެވެ. ޒިޔާދު އަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ. ބާތިލު 2 ވޯޓު ލާފައިވާ ކަމަށް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި އެވެ. އެހެންކަމުން ޖުމްލާ ވޯޓު ގުނާފައި ވަނީ އެ ދެ ވޯޓު ނުހިމަނާ އެވެ. އަލީ ހުސައިން ވިދާޅުވީ ސަލީމް ނޫން މީހަކު އެ ވޯޓުގައި ވާދަކުރި ނަމަ އެ ނަތީޖާ ވަރަށް ތަފާތުވީސް ކަމަށެވެ. 

އަދި ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ތެރެއިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަކިކުރަން ޖެހިލުން ވަނީ ސަރުކާރަށް ދިމާވާ ދަތި ހާލަތުގައި ސަރުކާރަށް އަންނަ ލޮޅުން ކުޑަކުރުމަށް ބޭނުން ކުރެވޭނެ މީހަކަށް އެ މަނިކުފާނު ވުން ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.

" ފަހަރުގައި ވެދާނެ މަޤާމުން ވަކިކުރުމުގެ ބަދަލުގައި ޕާޓީން ވަކިކޮށް ސީދާ މެމްބަރުކަން ގެއްލުވާލާ ފަދަ ކަމެއް ކުރަނީ ކަމަށް ވެސް. އެއީ ވެސް އެކަން ކޮށްފާނެ ގޮތެއް. ޤާނޫނު އޮތީ އެކަން ކުރެވޭ ގޮތަށް ބައްޓަންކޮށްފައި. ހަގީގަތުގައި މެމްބަރުންގެ މެދުގައި ބާރެއް ނެތް މިހާރަކު ރައީސް މުއިއްޒުގެ." އަލީ ހުސައިން ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މަޖިލިސް ތެރެއިން ރައީސް މުއިއްޒުގެ ބާރު ކުޑަވަމުންދާތީ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް ޕީއެންސީގެ ޕީޖީ ގްރޫޕުން އެކަން ދޮގުކުރެ އެވެ.