18.80 މިލިއަން ރުފިޔާ އަށް، ކ. ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ހާމަކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދާ ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫޢު އެ ކުންފުންނާއި ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގައި ބާއްވާފައިވާ ރަސްމިއްޔާތެއްގަ އެވެ. 

އެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު އެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރު އެއްގަމު ތޮށި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހަމައެހެންމެ 30 ޓަނުގެ ބޯލާޑްސްޖެހުމާއި އަދި ކޮންކްރީޓް ޕޭވިންގެ މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 120 ދުވަސްތެރޭ ނިންމާ ގޮތަށެވެ.  މި މަޝްރޫއުގެ މަސައްކަތް ނިމުމުން އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ލުއި ލިބުމުގެ އިތުރުން ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.