އަދަދު ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ކުރި މުޒާހަރާ އާ ގުޅިގެން ހައްޔަރުކުރި މުހައްމަދު ޝާމިން އާއި އަލީ މުޝައްފައު ހޯމަ ދުވަހު ބަންދުން ދޫކޮށްލައިފި އެވެ.

މި ދެ މީހުން ދޫކޮށްލުމާއެކު، ނޫސްވެރިންގެ ދިފާއުގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން މިހާރު ވަނީ މިނިވަންވެފަ އެވެ.

ނޫސްވެރިންގެ ހައްގުގައި މެއި މަހުގެ 14 ވަނަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން ޝާމިން އާއި މުޝައްފައު ފުރަތަމަ ހައްޔަރުކުރި ނަމަވެސް، އެ ދުވަހު ފުލުހުން ވަނީ އެ ދެ މީހުން ދޫކޮށްލާފަ އެވެ. އެހެންނަމަވެސް، އޭގެ ތިން ދުވަސް ފަހުން މެއި މަހުގެ 17 ވަނަ ދުވަހު ފުލުހުން ވަނީ އަލުން އެ ދެ މީހުން ހައްޔަރުކޮށްފަ އެވެ.

އެ މީހުން އަލުން ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފުލުހުން އެދުނު ގޮތަށް ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ. ޝާމިން އާއި މުޝައްފައު ބަންދުން މިނިވަންވީ އެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

މީގެ އިތުރުން، އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރުގެ މައްޗަށް އިއްވި ޖަލު ހުކުމް ފުރިހަމަކުރުމުން، އެ ދެ ނޫސްވެރިން ވެސް މިހާރު ވަނީ މިނިވަންވެފަ އެވެ. މިއާއެކު މި މައްސަލައިގައި ހައްޔަރުކުރި އަދި ހުކުމް ތަންފީޒުކުރި ހުރިހާ އެއްމެން ވަނީ މިނިވަންވެފަ އެވެ.

މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ގިނަ އަދަދެއްގެ ފުލުހުން މަގުމައްޗަށް ނެރެމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މީގެ އިތުރުން، މަގުމަތީގައި ކުރާ ސުލްހަވެރި މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ނޫސްވެރިންގެ ހައްގުތަކަށް އަރައިގަނެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކި ޖަމިއްޔާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.