ފަހި ފްލެޓުތަކުގެ އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިން ވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ހުސް ބިން ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް އެ ދެބިމަކީ ހިތްފަސޭހަ މައިދާންތަކެއް ތަރައްގީ ކުރާނެ ބިން ތަކެއް ކަމަށް ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ)އިން މީގެ ކުރިން މައުލޫމާތު ދީފައިވާ ކަމަށް އެ ޓަވަރުތަކުގައި ދިރުއުޅޭ ރައްޔިތުން ބުނެ އެވެ. ނަމަވެސް އެ ބިމުގައި މިހާރު ބޮޑު އިމާރާތެއް އަޅަމުންދާ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި އެޗްޑީސީގެ އެސިސްޓަންޓް މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސިރާޖަށް ގުޅުމުން ވިދާޅުވީ އެޗްޑީސީގެ ބިމެއްގައި މަސައްކަތް ކުރާނީ ހުއްދައާއެކު ކަމަށެވެ. ނަމަވެސް މި ދެ ބިމުގައި ކުރަނީ ކޮން މަސައްކަތެއް ކަމެއް ނުވަތަ މަސައްކަތް ކުރާކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައުލޫމާތު ސާފު ކުރުމަށްފަހު ހިއްސާ ކުރާނެ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެފްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ދެއްވާފައިނުވެ އެވެ.
މި ދެ ބިމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ.
އެގޮތުން އެ ދެ ބިން ވެސް ނު އަގުގައި ބަޔަކަށް ވިއްކާލާފައިވާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކޮށްފައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމުން އިމާރާތް ކުރި މިޓަވަރުތަކުގެ ސަރަހައްދުގައި ހުރި ބިންތައް މިގޮތަށް ވިއްކާ އިތުރު އިމާރާތްތައް އަޅާނަމަ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަ ޖައްސާލުމަށް ނުކުމެ ތިބޭނެ ޕާކެއް ހިތްފަސޭހަ މައިދާނެއް ނޯންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.