ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ގިނަ ޚިދުމަތްތަކެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކޮށްފި އެވެ. 

ހެލްތް މިނިސްޓްރީން ބުނީ އެންސްޕާ އިން ކުރިއަށް ގެންދާ މެޑިކަލް ވެލްފެއަރ ސްކީމްގެ ދަށުން ދެމުން ގެންދާ ޚިދުމަތްތައް 1 ޖޫން 2026 އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން 16 ޚިދުމަތެއް ބަދަލު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެއީ،

  1. ގޯޝަން ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން

  2. ކެންސަރު ބަލީގެ ފަރުވާ ކުރިއަށް ގެންދަން ބޭނުންވާ ބޭސް ފޯރުކޮށްދިނުން
  3. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ މީހުންނަށް އެހީވުން
  4. ފަރުވާ ކުރިއަށް ގެންދަން ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
  5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ މީހުންނަށް އިތުރު ޓިކެޓް
  6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
  7. ޕަބްލިކް ހޮސްޕިޓަލްތައް އަދި އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދޭ އެހީ
  8. ފަރުވާ ކުރިއަށް ގެންދަން ބޭނުންވާ އެކިއެކި އާލަތްތަކާއި މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
  9. ދެވޭ އިތުރު ފަރުވާއެއް ނެތް ކަމަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރަކު ލަފާ ދިނުމުން އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން) އެހީވުން
  10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯ-އަޕް ހެދުން
  11. އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
  12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
  13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
  14. މެރަނަ ސްކީމުގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިންނަށް އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމްގެ ކަވަރޭޖް ބޮޑުކޮށްދިނުން
  15. ރަށަކުން ފޯމް ފުރައިދޭ ޑޮކްޓަރަކީ އެކަމުގެ ޚާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން އިތުރު ތަކުލީފްތަކެއް ދިމާވާނަމަ އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވި ނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
  16. ވެލްފެއާ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ މީހުންނަށް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާ ކުރުމަށް ފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން

މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 1400 އަދި 1402 ގުޅުމަށް ވެސް ހެލްތް މިނިސްޓްރީން އެދިފައިވެ އެވެ. އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައަށް ބަދަލުކުރިއިރު، އާސަންދައިން އެކަށީގެންވާ ގޮތުގައި ޚިދުމަތް ނުލިބޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ. ބޭސް ހޯދުމާއި، ރާއްޖެއިން ބޭރަށް ފަރުވާގެ ކަންކަމުގައި އެހީ ހޯދުމަށް ވަރަށް ބޮޑަށް ތަކުލީފު އުފުލަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.