ބޭންކް އޮފް
މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް
ކުރެވޭ މިންވަރު ނުވަތަ ޑޮލަރު ލިމިޓަށް މި މަހުގެ ފަހުކޮޅު ބޮޑު ލުޔެއް ލިބޭނެ ކަމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން
ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް
ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު
ވިދާޅުވީ، ބޭންކުތަކުން ޑޮލަރުގެ މުއާމަލާތްތައް ކުރުމުގައި މިހާރު ކުރިމަތިވެފައިވާ
ދަތިތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކަވައި މައުލޫމާތު ހޯއްދަވާފައިވާ
ކަމަށެވެ. އަދި ބޭންކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަސް ނިމޭ ހިސާބުގައި
ކާޑުތަކުގެ ލިމިޓަށް ވަރަށް ބޮޑުތަނުން ލުއި ދޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް
ރައީސް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އިއްޔެގައި އަޅުގަނޑު ބޭންކުން މައުލޫމާތު ހޯދައި ބެލިއިރުގައި މި މަސް ނިމޭ ހިސާބު އަނެއްކާވެސް ވަރަށް ބޮޑު ތަނުން ލުއި ކޮށްދޭނެ ކަމުގެ އިޝާރާތެއް ދެއްވާފައިވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

މިދިޔަ ދުވަސްތަކުގައި
ބީއެމްއެލް އިން ވަނީ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ވަރަށް
ބޮޑަށް ހިފަހައްޓާފައެވެ. މީގެ ސަބަބުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނާއި،
އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް
ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ބޭންކުން ހާމަކުރި ގޮތުގައި، ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ބޭންކުން ދަނީ ވިއްކަމުންނެވެ. ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ، މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަންޖެހޭ ޑޮލަރުގެ ނިސްބަތް ބޮޑުވުމުން، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ކަށަވަރުކުރުމަށްޓަކައި ބޭންކުން ގެންގުޅޭ ނިޒާމުތައް މިހާރު އިތުރަށް ހަރުދަނާ ކޮށްފައިވާނެކަމަށް އެ ބޭންކުން މީގެ ކުރިން ބުނެފައިވެއެވެ.