ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއެކު ފަޅުތެރޭގެ ބޮޑު ސަރަހައްދެއް ކިސަޑު ވެ، އެ ސަރަހައްދުން ގިނަ އަދަދެއްގެ މަސް މަރުވާން ފަށައިފި އެވެ.

ރާއްޖެއެމްވީ އަށް މިލަންދޫ ކައުންސިލްގެ ކުރީގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެރަށުގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު މިމައްސަލަ ކުރިމަތިވާން ފެށި ކަމަށާއި، މިހާރު ވަރަށް ބޮޑަށް މަސް މަރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮންމެ ދުވަހަކު ފަޅުތެރެއިން މަރުވެފައި ހުންނަ މަސް ނަގަމުންދާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 5 ނުވަތަ 6 ބޮޑެތި ޓައްޕު ފުރާ މަރުވެފައި ހުންނަ މަސް ނަގާ ކަމަށެވެ. އަދި މަސްތައް ނަގައި، ރަށުގެ ކޮންމެވެސް ދިމާލެއްގައި ވަޅުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބެލެވޭ ގޮތުގައި ބިން ހިއްކުމުން އެދިމާ ފަޅުން އޮޔެ ދެމޭ ދިމާ އެއްކޮށް ބެދެނީ ކަމަށާއި، އެހެން ދިމާވުމުން ފަޅުތެރެއަށް ކިސަޑު އަރައި، ކުލަ ބަދަލުވެ، މަސްތައް މަރުވަނީ ކަމަށެވެ. އަދި މިކަން ދިމާވަނީ މޫސުމަށް އަންނަ ބަދަލާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އެރަށުގެ އާއްމު މީހަކު ބުނީ، މިމައްސަލައާ ގުޅިގެން ވަރަށް ކަންބޮޑުވާ ކަމަށާއި، ދާއިމީ ހައްލެއް މިކަމަށް ބޭނުންވާ ކަމަށެވެ. ފަޅުތެރެއިން ކޮންމެ ދުވަހަކު ވެސް މަސްތައް މަރުވެ، މައްޗަށް އަރާތީ އެސަރަހައްދުން ދުވަނީ ވެސް ކުނި ވަސް ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން މިލަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް މިހާދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

މިލަންދޫގެ ފަޅުތެރެއިން ގިނަ އަދަދެއްގެ މަސް މަރުވެ، ފަޅުތެރޭގެ މައްޗަށް އަރާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

މި ވީޑީއޯއިން ފެންނަ ގޮތުގައި ފަޅުތެރޭގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ކަޅުވެފަ އެވެ. އަދި ގިނަ އަދަދެއްގެ މަސްތައް މަރުވެފައި ވެއެވެ.