ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން ރުހުން ދީފި އެވެ. 

ރައީސް މުއިއްޒު ވަނީ އާދަމް ޝަރީފް، ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަން ކުރައްވަން ނަން ފޮނުއްވާފަ އެވެ. އަދި އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތޯރިގު އައްޔަން ކުރައްވަން ވަނީ ނަން ފޮނުއްވާފަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. 

އެ ކޮމިޓީ އިން ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ، މި ދެ ބޭފުޅުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ގާބިލު ބޭފުޅުންނަށް ވުމާއެކު  އިތުރު އިންޓަވިއުއަކާ ނުލައި ރުހުން ދިނުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީ އިން ތާއީދު ކޮށްފައިވާއިރު ދެ ބޭފުޅުންނަށް ވެސް ރުހުން ދީފައިވަނީ ކޮމިޓީގައި އެވަގުތު ތިއްބެވި 6 މެންބަރުންގެ އިއްތިފާގުންނެވެ. 

ތޯރިގާއި އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ އެވެ. އޭގެފަހުން މި ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފަ އެވެ. އެ ބޭފުޅުން އައްޔަން ކުރެއްވި ސީދާ ތާރީޚެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ދެ ބޭފުޅުން ވެސް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.