ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، 28 މެއި 2026 ގައި ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި  މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރ ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެއްކެވި ވާހަކަތަކަށް އިޝާރާތް ކޮށް ސުވާލު ކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކި ކުރެއްވުމަށްފަހު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުން ނަގަން އުޅޭ ކަމަށް ތުހުމަތު ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި މިތުހުމަތުތަކަށް ރައީސް މުއިއްޒުގެ ޖަވާބަކީ ކޮބައިތޯ ސުވާލު ކުރި އެވެ. 

މިސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ، އެ ތުހުމަތުތަކުގައި އެއްވެސް ތެދެއް ނެތް ކަމަށެވެ. 

މިތުހުމަތުތައް ކުރެއްވި ވީޑީއޯ ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ރަސޫލު ޒަމާނުގައި ފައިސާ ދިނުމުން ވާހަކަ ކިޔާ މީހުން ކަމަށެވެ. އަދި އެޒަމާނަށް ރާއްޖެ ދިޔައީތޯ ރައީސް މުއިއްޒު ސުވާލު އުފެއްދެވި އެވެ. 

ހުސެން މުހައްމަދު ލަތީފް ވަކި ކުރާ ވާހަކަ އަކީ ހަމަ އެލަވަލްގެ ވާހަކައެއް އެއީ. ދެން ކޮބައިތޯ ކޮން އެއްޗެއްތޯ ކްރިއޭޓް ކުރަން މިއުޅެނީ. މިއީ ޕޮލިޓިކްސްއެއް ވެސް ނޫނެއްނު. ޑާޓީ ޕްލޮޓިކްސްއެއް ވެސް ނޫން މިއީ. މުޅިން އެހެން ލެވަލްއެއްގެ ޕޮލިޓިކްސްއެއް. ޑެސް ޕަރޭޓްނެސް ޓުދަ މެކްސިމަމްއެއް ނޫންތޯ މިއީ. ދޮގު ހެދުމުގައި ވެސް މިހާރު އެ މީހާ ފަލީހަތްވެގެން ދާއިރުގަ ވެސް ދެން ހަމަ ވަރިހަމަ. އެލަވަލްގައި ތޯ އަޅުގަނޑުމެންގެ ގައުމުގެ ސިޔާސީ މައިދާން އޮތީ.
ރައީސް ޑރ.މުހައްމަދު މުއިއްޒު  

ސިޔާސީ ޕާޓީ ހަދައިގެން ޒިންމާދާރު ކަމާއެކު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ޖެހޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ކުރިން ވެސް ދެންނެވި ފަދައިން ރާއްޖޭގައި ޒިންމާދާރު އޮޕަޒިޝަނެއް ނެތް ކަމަށާއި، އޮތީ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ ގޮސިޕް ކުރާ އޮޕަޒިޝަނެއް ކަމަށެވެ.

މަތީ މަގާމުތައް އަދާކޮށްފައިވާ ބޭފުޅުން އެބޭފުޅުން އަރިސް ބޭފުޅުން ރެއާ ދުވާލު ކުރައްވަނީ މިކަންތައް. މިއީ ތޯ އަޅުގަނޑުމެންގެ ގައުމުގައި ކަންތައްތައް ވާން އޮތް ގޮތަކީ. އަޅުގަނޑުމެންގެ ގައުމުގެ ސިޔާސީ މައިދާނުގައި ތެރޭގައި ވަރަށް ހަމްދަރުދީވަން. އަޅުގަނޑުމެެންގެ ގައުމުގައި އޮޕަޒިޝަނެއް ނެތް. އެއީ ޔަގީން ކަމެއް. އޮޕަޒިޝަންއަކީ ޒިންމާދާރު ބަޔަކަށް ނުވަންޏާ އެއީ އޮޕަޒިޝަނެއް ނޫން. އެހެންވީމަ ތިވާހަކައިގެ ދެން ތެދު ވާހަކަ އެއް ތީގައި ނެތީމަ ތިއަށް ނެތް ދެން ދަންނަވާނެ ވާހަކަ އެއްނެތް. ވަރަށް މޮޅު ދެން އެއްވެސް ވަރަކަށް ތެދެއް ނުހަދާ މޫނަށް ރުލެއް ވެސް ނާރުވާ 10 ނުވަތަ 12 މިނެޓް ވާހަކަ އެއް ދައްކަވާލެވޭނީ ހާދަ ކުޅަދާނަވީމައޭ އަޅުގަނޑު ހިތަށް އަރަނީ. އެކަމަކު އެކަން ކުރައްވަނީ ހުރިހާ ބޭފުޅުން ވެސް އޮޕަޒިޝަންގައި. ވަކި ބޭފުޅެއް ނެތޭ. ހުރިހާ އެންމެން ވެސް. ސަލާމާތުން ނެތް އެކަކު ވެސް ތެދެއް ހަދަން ހިތައް ވެސް ނާރަނީ. މިއަށް ވާގި ދެނީ މީޑިއާ ފާސް އަޅައިގެން ތިބޭ ގަޓާރ ޕްރެސް ނޫސްވެރިން. 
ރައީސް ޑރ.މުހައްމަދު މުއިއްޒު  

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އިދިކޮޅު ސިޔާސީ ބޭފުޅުން ދައްކަވާ ދޮގު ވާހަކަތަކަށް ވާގި ދެނީ މީޑިއާ ފާސް އަޅައިގެން ތިބޭ ގަޓާރ ޕްރެސް ނޫސްވެރިން ކަމަށެވެ.