ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރެއްވި ސަބަބު ހާމަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކޮޅު ހައްދަވައިފި އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ، ސަރުކާރާއި، ޕާޓީގެ މަގާމުތަކުގައި ތިއްބަވާނީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް އިންޓަގްރިޓީ އޮންނަ ބޭފުޅުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަން ފާހަގަކޮށްފަ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ވަކި ކުރުމުގެ މަސައްކަތް ޕީއެންސީން ކުރިއަށް ގެންދިޔައީ، މެންބަރު ނާޒިމްގެ މައްޗަށް އިތުބާރު ނެތިގެންތޯ އާއި، ނެތް ކަމަށްވާނަމަ އެކަމުގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރި އެވެ.
މިސުވާލަށް ރައީސް މުއިއްޒު ވަނީ ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ނުވަތަ ފްލެޓްފޯމެއްގައި ކަމަށެވެ. އަދި މިވަގުތު ހުންނެވީ ޕީއެންސީގެ ޕޯޑިއަމެއްގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު ޕީއެންސީ ޕޯޑިއަމެއްގައި، ފްލެޓްފޯމެއްގައި ނޫން މިވަގުތު މިހުރީއެއް. އަޅުގަނޑަކީ ޕީއެންސީގެ ރައީސް. އެހެންނަމަވެސް އަޅުގަނޑު ބޭނުންވަނީ މިއަދު މިވަގުތު ބޭނުންކުރަން އަޅުގަނޑުގެ ރަސްމީ މަގާމުގެ ހައިސިއްޔަތުން. ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން އައި ސުވާލެއްގެ ގޮތުގައި ސުވާލު އައިމަ އަޅުގަނޑު އެއަށް ޖަވާބު ދޭނަން ހަމަ އެ ޕޯޑިއަމްގައި.ރައީސް ޑރ.މުހައްމަދު މުއިއްޒު
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން މެންބަރު ނާޒިމް އިސްތިއުފާ ދެއްވީ 31 މެއި 2026 ވީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައި ބޭއްވި ޖަލްސާގެ ކުރިންނެވެ. އެއީ މަޖިލިސްގެ އެ ޖަލްސާ ފަށަން 30 ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ.