ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިޚާބު ކޮށްފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ސަލީމް އައްޔަނުކުރެއްވީ އެ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ ވޯޓުންނެވެ.

ސަލީމް އާ ވޯޓުގައި ވާދަ ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރުން ހުސައިން ޒިޔާދު އެވެ. ޒިޔާދު އަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ. ބާތިލު 2 ވޯޓު ލާފައިވާ ކަމަށް ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި އެވެ. އެހެންކަމުން ޖުމްލާ ވޯޓު ގުނާފައި ވަނީ އެ ދެ ވޯޓު ނުހިމަނާ އެވެ. 

އެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް އައްޔަނު ކުރެއްވުމަށް ނަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރުން އިބްރާހިމް ޝުޖާއު އެވެ. 

މެންބަރު ޒިޔާދު މަޖިލީހުގެ ނައިބު ރަައީސަކަށް އައްޔަނު ކުރެއްވުމަށް ނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އެވެ. 

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި  ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.