ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ، ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. 

އެމްއެންޑީއެފް އިން ބުނީ ދެ މީހުންނާ އެކު ދަތުރުކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗް ގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

އިތުރު މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފް އިން ބުނީ މި ލޯންޗް ދަތުރު ކުރަމުން ދިޔައީ ވިލިގިލިން ގިރިލަންކަންފުއްޓަށް ދިއުމަށް ކަމަށާއި ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، ލޯންޗް ވިލިގިއްޔާ ވަރަށް ކައިރީގައި އޮއްވާ ކަމަށެވެ. 

ލޯންޗު އެކްސިޑެންޓް ވީގޮތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

މި ހާދިސާގައި އެކްސިޑެންޓްވި ލޯންޗްގެ ވީޑިއޯތަކާ އެމްއެންޑީއެފް އިން އާންމު ކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި ލޯންޗްގެ ކުރީކޮޅުވަނީ އެއްކޮށް ހަލާކުވެފަ އެވެ.