ދުންފަތުން
ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން
މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވިނަމަވެސް،
ސަރުކާރުގެ ރާގު މުޅިން ބަދަލުވެއްޖެއެވެ.
މިދިޔަ
މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާނެތޯ
ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އެ ދުވަހު ރައީސް ވިދާޅުވީ، މިވަގުތު
އެކަހަލަ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ
މިހާރުވެސް ނިންމާފައި އޮތް ޕޮލިސީ އެގޮތުގައި ކުރިއަށް ގެންދިއުންކަމަށް ރައީސް
އެ ދުވަހު ވިދާޅުވިއެވެ. އަދި އެ ސިޔާސަތަށް މި ސަރުކާރުން އެއްވެސް ބަދަލެއް
ނުގެންނާނެކަމަށްވެސް ރައީސް އެ ދުވަހު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ ޕޮލިސީއަކީ، ވަށާޖެހޭ ޞިއްޙީ ނިޒާމެއް. އޭގެ މާނައަކީ، ޕްރިވެންޓިވް ހެލްތް ކެއަރއާއި، ކިއުރޭޓިވް ހެލްތް ކެއަރއާ، އެކުއެކުގައި ކުރިއަށް ގެންދިޔުން. ޕްރިވެންޓިވް ހެލްތް ކެއަރއަށް ވަރަށް މުހިންމު، ދުންފަތު އިސްތިޢުމާލު ކުރުމުގެ އެކިކަހަލަ ކަންކަމުން ރައްޔިތުން ދުރުކުރުވުން. އެހެންވީމާ، އެ ސިޔާސަތަކަށް، އެ ޕޮލިސީއަކަށް އެއްވެސް ބަދަލެއް މި ސަރުކާރަކުން ނުގެންނާނެ.ރައީސް ޑރ މުއިއްޒު
އެ ދުވަހު ރައީސް ވިދާޅުވީ، ޑަބްލިއުއެޗްއޯއާއެކީ މަޝްވަރާކޮށްގެން ބަދަލެއް ގެނައިނަމަވެސް ގެންނަވާނީ ސަރުކާރުގެ މިހާރު ހުރި ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ބަދަލުތައް ކަމަށެވެ.
އޭގެ 20
ދުވަސް ފަހުން ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި ރައީސް ފޮނުއްވެވި
މެސެޖުގައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި
ޤަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި، ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު
އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެހެންނަމަވެސް،
ހަމަ އެ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން
މިވަނީ ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައެވެ.
މި ނޫސްވެރިންގެ
ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ދުންފަތުގެ އިމްޕޯޓް
ޑިއުޓީ ހަތަރު ރުފިޔާ އަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ
ލަފާ ލިބިފައި ވާތީ، އެ ބަދަލު ގެނައުމާ މެދުގައި ސަރުކާރުގެ ކަމާބެހޭ
އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ
ވިދާޅުވީ، ދުންފަތުގެ އިމްޕޯޓް ޑިއުޓީ ރޭޓަށް ބަދަލު ގެނައުމުގެ ކުރިން ކަމާ ބެހޭ
ހުރިހާ އިދާރާތަކާއި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ ކަމަށާއި،
އެއަށްފަހު ރޭޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެންމެންނަށް އެއްބަސްވޭ ނަމަ
ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ
ކަމަށެވެ.
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ޔޫޓާން ނަގަމުންދާކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން އުޅުމަކީ ސަރުކާރުގެ "ވެޕް" މަނާކުރުމާއި ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.