ހަކުރުބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް މާލީގޮތުން އުފުލަން ޖެހިފައިވާ ބުރަ އަށް ހައްލެއް ހޯދާ ދިނުމަށް އެދި މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ހުށަހެޅުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވަނީ ޓައިޕް 1 ހަކުރުބައްޔަކީ ހަށިގަނޑުން އިންސިއުލިން އުފައްދާ ސެލްތައް ހަލާކުވުމުން ޖެހޭ، ރައްކާތެރިވުމަށް ކުރެވޭނެ ކަމެއް ނެތް ބައްޔެއް ކަން ފާހަގަކޮށްފަ އެވެ. މި ބަލީގެ މައިގަނޑު ފަރުވާއަކީ ގަވައިދުން އިންސިއުލިން ޖެހުމާއި، ލޭގައި ހަކުރު ހުރި މިންވަރު ބެލުމާއި، ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން ދުޅަހެޔޮ ކެއުމާއި ކަސްރަތަށް ސަމާލުކަން ދީގެން ދިރިއުޅުން ބައްޓަންކުރުން ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މަތީގައި ދެންނެވިދިޔަ، ޓައިޕް 1 ހަކުރުބަލީގެ ފަރުވާ ޓީމްތެރޭ ހިމެނޭ ޑޮކްޓަރުންނަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ބަލިމީހުން ބައްލަވާ ޑޮކްޓަރުން ކަމުގައި ވިޔަސް، އެޕޮއިންޓްމެންޓަކަށް ވެއިޓްލިސްޓް ކޮށްގެން ދިގުމުއްދަތަކަށް ތިބެން ޖެހެއެވެ. މިފަދަ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް އެކަށޭނަ އަވަސްމިނެއްގައި ލިބެން ހުންނަނީ ހަމައެކަނި ޕްރައިވެޓް ކްލިނިކްތަކުން ކަމަށްވާތީ، ކޮންމެ އެޕޮއިންޓްމަންޓަކަށް އެތައް ހާސް ރުފިޔާއެއް އަމިއްލަ ޖީބުން ޚަރަދުކުރަން މަޖުބޫރުވެއެވެ.

އެ ސިޓީގައި ހަކުރު ބަލި ތަހައްމަލް ކުރަމުންދާ ދަތިތައް ފާހަގަކޮށް އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހަކުރު ޓެސްޓުކުރާ މީޓަރާއި ސްޓްރިޕްސް، އުމުރުން 25 އަހަރުން ދަށުގެ ކުދިންނަށް އެކަނި ނޫން، ޓައިޕް 1 ހަކުރުބަލި ހުންނަ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން ހިމެނެ އެވެ.

އަދި  ކޮންޓިނިއަސް ގްލޫކޯޒް މޮނިޓަރ (CGM) ސެންސަރު އާސަންދައިގެ ދަށުން ކަވަރުކޮށްދިނުމާއި،  އިންސިއުލިން ޕަންޕާއި ޕަންޕަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކޮށް، ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އެދިފަ އެވެ.

ހަމައެހެންމެ އިންސިއުލިން، މެދުނުކެނޑި ސްޓޮކް ހުންނާނެކަން ކަށަވަރުކުރުމާއި،  ކުޑަކުދިންނަށް ބޭނުންވާ 4 mm ގެ ކަށި ރާއްޖޭގައި ލިބޭނެ ގޮތް ހަމަޖެއްސުން ފަދަ ކަންކަމަށް އެދިފައިވެ އެވެ. އެކަންކަން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް އާސަންދަ ކުންފުނީގެ ވެރިން ހާޒިރުކޮށްދިނުމަށާއި އެކަމާއި ގުޅިގެން ކުރެވޭނެ ކަންކަމަކީ ކޮބާތޯ ބަލާދިނުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފަ އެވެ.