ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ދަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަމީތު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

އަމީތު ވިދާޅުވީ ރާއްޖޭގައި މިހާރު ފެނިގެން ދަނީ ކޯޓުތަކުން ނުކުމެ މީޑިއާ ރެގިއުލޭޓްކުރާ މަންޒަރު ކަމަށެވެ. އޭނާ އެފަދައިން ވިދާޅުވީ އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގައި ދިޔަ ކަންތައްތަކަށް އިޝާރާތްކުރައްވަ އެވެ. މުޅި ގައުމަކަށް ނިސްބަތްކޮށް ގެގް އަމުރެއް ނެރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަމީތު ވިދާޅުވި އެވެ.

"އެފަދަ އަމުރެއް ނެރެނީ ކޮން ބަޔަކަށް ކަން އެނގެން ޖެހޭނެ. މުޅި އެންމެންގެ މައްޗަށް އެ ގޮތަށް އަމުރެއް ނުނެރެވޭނެ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމީތު ވަނީ ދާދި ފަހުން ދެ ނޫސްވެރިޔަކު ޖަލަށް ލާފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އަދަދު ނޫހުގެ ދެ ނޫސްވެރިންނަށް ކުރި ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ އަކީ މިނިވަން ނޫސްވެރިކަމުގެ ިމާޔަތުގައި ނުކުތް އެންމެން ޖަލަށް ލުން ކަމަށެވެ. އެއީ ނޫސްވެރިންނަށް ސުވާލު ކުރުމަށް ވެސް ބިރު ދައްކަން ކުރި ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ނޫސްވެރިކަމުގައި ތަޅު އަޅުވައިގެން ރައްޔިތުންގެ އަނގަމަތީގައި މަލަން އަޅައިގެން ލިބޭނެ ކުރި އެރުމެއް ނެތް ކަމަށް އަމީތު ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ތަނބުތައް ފުނޑާލަން ބޭނުންވީމަ އެންމެ ފުރަތަމަ އެޓޭކް ކުރާނީ މީޑިއާ އަށް. އަޅުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރު." އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ މި ވެރިކަން އައުމަށް ފަހު ބަސްބުނުމުގެ މިނިވަންކަން އެއްކޮށް ނިގުޅައިގަނެފައިވާ ކަަމށް ފާހަގަކުރައްވައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ.