ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާ ލިބިފައިވާ ކަމަށާ އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ 2024 ވަނަ އަހަރު ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ސަރުކާރުން ބޮޑު ކުރީރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، އެ ބޭނުންކުރި މީހުން ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި، އޭރު ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. 

އޭރުގައި އަޅުގަނޑުމެން 8 ރުފިޔާ އަށް ބޮޑުކޮށްފަ ވީ ވަކިން ޚާއްސަކޮށް ވޭޕް މަނާ ކުރުމާ ގުޅުގިގެން. އޭގެ އެފެކްޓެއްގެ ގޮތުގައި. ވޭޕް ބޭނުން ކުރަމުން އައި ގިނަ މީހުން ސިނގިރޭޓް ބޭނުން ކުރަން ފަށާފާނެ ކަމަށް އަޅުގަނޑުމެންނަށް އޭރު ލިބިފަހުރި  އެ ދާއިރާގެ އެކްސްޕަރޓުންގެ އެޑްވައިސާ އެކުގަ ވެސް ކުރެވުނު ކަމެއް. އެހެން ނަމަވެސް ޓޮބޭކޯ ކޮންޓްރޯލްގަ އަދި ދުންފަތުން މީހުން ދުރުކުރުމުގެ އެއް ޓޫލް އެއީ ދައުލަތްތަކުން ބޭނުންކުރާ ޓެކްސް ރޭޓަކީ
ހޯމް މިނިސްޓަރު އަލީ އިހުސާން

2024 ވަނަ އަހަރުގެ ނޮވެމްބަރު 1 ފެށިގެން ސަރުކާރުން ނިންމީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ: އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ ވަނީ އިތުރު ކޮށްފަ އެވެ. 

އެއީ އޭރު ނިންމި އުނދަގޫ ނިންމުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ދުންފަތުން ނަގާ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ޑަބްލިއުއެޗްއޯ އިން ދިރާސާ އެއް ކުރުމަށްފަހު ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އެންމެނަށް އެއްބަސް ވެވޭނަމަ އެކަން އެގޮތަށް ކުރަން ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.