ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމުގެ ގޮތުން 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން ލޯންޗްކޮށްފި އެވެ.

އާދިއްތަ ދުވަހު އެ ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅިގެން ސަރުކާރުގެ 4 ވުޒާރާއަކުން ގުޅިގެން ބޭއވްި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކެމްޕެއިން ލޯންޗްކުރުން އިއުލާންކުރެއްވީ ސިއްޙަތާއި ޢާއިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

އެކަމަނާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފަ އެވެ. އަދި މިހާތަނަށް ވެސް އެފަދަ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައި ކަމަށާއި ޖެނެރޭޝަނަލް ބޭން އަކީ އެފަދަ ފިޔަވަޅެއް ކަަމަށް ގީލާ ވިދާޅުވި އެވެ. މިފަދަ މަސައްކަތެއް ކުރިއަށް ގެންދާ އިރު ދިމާވާ ގޮންޖެހުންތަކަށް ވެސް އެކަމަނާ އަލިއަޅުވާލެއްވި އެވެ. އަދި 5 އަހަރަށް މި ކެމްޕެއިން ދެމިގެންދާ ސަބަބު ސާފުކޮށްދެއްވާފައިވެ އެވެ. މީގެ އިތުރުން ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މި ކެމްޕެއިން ކުރިއަށް ގެންދަން ނިންމަވާފައިވާ ކަަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

"މިފަދަ ކަމެއްގައި ކެމްޕެއިނެއް ރޯލް އައުޓް ކުރެވިގެންދާ އިރު ސަރުކާރާއި ރައްޔިތުން އަދި  ޖަމިއްޔާ ޖަމާޢާތްތަކާޢި ރައްޔިތުން އެކަމުގައި ބައިވެރިވުން މުހިންމު. މިފަދަ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ސާބިތުވެ ދައްކުވައިދީފައިވޭ." ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

މި ކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރިކުރުމުގެ އިތުރުން އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ސްކޫލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ތައުލީމީ ވަޒީރު  އިސްމާޢީލް ޝަފީޢު ވަނީ ހުރިހާ ސްކޫލެއްގައި ވެސް ދުންފަތުގެ ނުރައްކާ ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބޭ ގެއްލުންތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މީގެ އިތުރުން ކުޅިވަރާއި މާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ މިކަމާއި ގުޅިގެން ޒުވާނުންގެ އިސްނެގުމާއި އެކު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އެޑްވޮކަސީ ޕްރޮގްރާމްތަކެއް ކުރިއަށް ރޭވިފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުން މަދު ކުރުމަށް ދުންފަތުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. އަދި ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.