ދުންފަތުގެ ނުރައްކަލުން ދިވެހި ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މިޔަގީންކަން ދެއްވީ ދުނިޔޭގެ، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ދުންފަތާއި ނިކޮޓިންގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް އައު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އީ-ސިގްރޭޓް މަނާ ކުރުމާއި، ދުންފަތުން އެއްކޮށް ދުރުވެފައިވާ ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ދުނިޔޭގެ ފެންވަރުގައި ފުރަތަމަ ފަހަރަށް ފިޔަވަޅު އެޅި ގައުމަކީ ރާއްޖެ ކަމަށެވެ. އަދި މިއީ މި ލަނޑުދަނޑި ހާސިލުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެ ކަމަށެވެ. އަދި ޒުވާން ޖީލު މިވަބާއިން ރައްކާތެރި ކުރުމަށް މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާއި، ދުންފަތުން ދުރުހެލިވުމަށް އެހީތެރިވެދޭ ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ނުވަތަ މަނާ ސަރަހައްދުތައް ކަނޑައެޅުމުގެ އިތުރުން، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު މި ޕޯސްޓުގައި ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލައްވާފައިވެ އެވެ. 

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.