މާފުށީ ޖަލުގައި
ޤައިދީން ވިޔަފާރިކުރާ ފިހާރައިން އާންމުކޮށް ގަނެއުޅޭ ބައެއް ތަކެތި ގަންނަން ނުލިބޭ
މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން
ބުނެފިއެވެ.

މާފުށީ ޖަލުގައި
ޤައިދީން ވިޔަފާރިކުރާ ފިހާރައިން އާންމުކޮށް ގަނެއުޅޭ ބައެއް ތަކެތި މިހާރު
ނުލިބޭކަމަށް އާންމުންގެ މީހަކު ވަނީ ރާއްޖެއެމްވީއަށް މައުލޫމާތު ދީފައެވެ. އެމީހާ
ބުނީ ޒަރޫރީ ބައެއް ތަކެތިވެސް ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.

އަދި
އެކަން އެހެން ދިމާވަނީ އެތަނުގެ ވިޔަފާރިކުރާ ފަރާތަށް ދައުލަތުން ދޭންޖެހޭ 40 މިލިއަން
ރުފިޔާ ނުދީ އޮތުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބޭކަމަށް އޭނާ ކިޔާދިނެވެ. މި މައްސަލައިގައި
ޤައިދީންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމީހާ ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން
ރާއްޖެއެމްވީން ސުވާލު ކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޗުއްޓީގެ
ތެރޭގައި ސަޕްލައިގެ ދަތިކަމެއް ދިމާވި ކަމަށެވެ. އަދި އެކަން ހައްލު ކުރުމުގެ މަސައްކަތްތައް
މިހާރު ކުރިއަށްދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެހެންނަމަވެސް
ވިޔަފާރި ކުރާ ފަރާތަށް ދޭން ޖެހިފައިވާކަމަށް ބުނާ 40 މިލިއަން ރުފިޔާގެ ވާހަކަ އޮފިޝަލު
ވަނީ ދޮގު ކުރައްވާފައެވެ. އެހެންކަމުން ދައުލަތުން ފައިސާ ދޭން ޖެހިފައިވާތީ މި މައްސަލަ
ދިމާވެފައިވާކަމަށް ބުނާ ވާހަކަތައް ކަރެކްޝަންސްއިން މި ވަނީ ދޮގުކޮށްފައެވެ.

މާފުށީ ޖަލަކީ
ރާއްޖޭގެ އެންމެ ބޮޑު ޖަލެވެ. އެތަނުގައި ވަރަށް ގިނަ އަދަދެއްގެ ޤައިދީން ތިއްބެވެ.
އެހެންކަމުން ފިހާރައިން ތަކެތި ނުލިބުމަކީ ޤައިދީންނަށް ބޮޑު ދަތިކަމެއް ކުރިމަތިވާނެ
ކަމެކެވެ. އަދި ޒަރޫރީ ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވުމަކީ ޤައިދީންގެ ހައްޤުތަކަށް
އަސަރުކުރާނެ ކަމެއްކަމަށް މީހުން ފާހަގަކުރެއެވެ.

ކަރެކްޝަންސްއިން
މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މިހާރު މި ވަނީ ބުނެފައެވެ.