ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ 4000 ފުލެޓު
ލިބިފައިވާ ފަރާތްތަކުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް މާލޭ
ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް
ހޯދުމަށްފަހު ސިޓީ ކައުންސިލަށް ހުށަހެޅުމަށް ފަހި ޔޫނިއަނުން އެދިއްޖެއެވެ.

ފަހި ޔޫނިއަންއިން ނެރުނު ބަޔާނެއްގައި ބުނީ، ައުސިން މިނިސްޓްރީ
އަދި އެފްޑީސީން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްދެއްވުމުން ރަށްވެހިކަން
ރަޖިސްޓްރީކޮށްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ސިޓީ ކައުންސިލުން
މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު
މުހައްމަދު އިބްރާހިމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުއްﷲ
މުއްތަލިބު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އެއްބަސްވުމުގައި ސޭލްސް އެންޑް ޕާޗޭސްގެ
ބަދަލުގައި ރެންޓް އޯން މޮޑެލް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރަށްވެހިންގެ ރަޖިސްޓްރީ
ހައްދައިދެވޭނެ ކަމަށާއި ރަޖިސްޓްރީ ހެއްދުމާ ބެހޭ އެންމެހައި ކަންކަން ކުރިއަށް ގެންގޮސްދިނުމަށް
އެދި 22 އޭޕްރީލްގައި ސިޓީގެ ޒަރީޔާއިން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އަދި މާލޭގައި ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމުގެ ހުއްދަ
އެފްޑީސީން މާލޭ ސިޓީ ކައުންސިލަށް ދިނުމަށާއި އެކަމަށް ބޭނުންވާ ސިޓީ ފަދަ އެހެނިހެން
ލިޔެކިއުންތައް ހައުސިން ޔުނިޓް ލިބިފައިވާ ފަރާތްތަކަށް ދިނުމަށް އެފްޑީސީއަށް އެ
ދުވަހު ސިޓީގެ ޒަރީޔާއިން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފްޑީސީގެ ފުލެޓުތައް ލިބިފައިވާ ރައްޔިތުން މާލޭ ރަށްވެހިންގެ
ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް
އެކަމަށް ޚާއްސަކުރެވިފައިވާ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް މިމަހުގެ ހަ ވަނަ ދުވަހުން
ފެށިގެން ލިބޭނެގޮތް އެފްޑީސީން ހަމަޖައްސަވާފައިވާކަމަށާއި ސިޓީ ހޯދުމަށް ޕޯޓަލަށް
ހުށަހަޅާ ފަރާތްތަކަށް އެފްޑީސީގެ ފަރާތުން ސިޓީ ދޫކުރަން ފަށާފައިވާކަމަށް ފަހި ޔޫނިއަނުން
ހާމަކުރިއެވެ.

އެފްޑީސީން ފޮނުވާފައިވާ ސިޓީގައި މާލޭ ސިޓީ ކައުންސިލަށް އެޑްރެސްކޮށް
ބުނެފައިވަނީ މި ޔުނިޓް ދީފައިވާ ފަރާތަކީ މި ކޯޕަރޭޝަންގެ ހަތަރު ހާސް ސޯޝަލް ހައުސިން
ޔުނިޓްތަކުގެ ތެރެއިން ޔުނިޓް ލިބިފައިވާ ފަރާތްކަން ކަށަވަރުކޮށްދޭ ކަމަށާއި މި ޔުނިޓް
ކުއްޔަށް ދިނުމާއި މިލްކުރުމުގެ އެއްބަސްވުން މި ކޯޕަރޭޝަނާއެކު ސޮއިކޮށް މިހާރު ވަނީ
އެފަރާތާ ޔުނިޓް ހަވާލުކުރެވިފައި ކަމަށެވެ.

ވީމާ ޔުނިޓް ލިބިފައިވާ ފަރާތުގެ އެދުމުގެ މަތިން އެފަރާތުން
ކަނޑައަޅާ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީކޮށްދިނުމާމެދު މި
ކޯޕަރޭޝަންގެ އެއްވެސް އިއުތިރާޒެއް ނެތްކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ހަތަރު ހާސް ފުލެޓު ލިބިފައިވާ ފަރާތްތަކަކީ މާލޭ ރަށްވެހިންގެ
ރަޖިސްޓަރީގައި ހިމެނިފައި ނުވާ ފަރާތްތަކަކަށްވުމުން އެފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާ
ކުރިމަތިލާން ޖެހިފައިވާތީ މާލޭ ސިޓީ ކައުންސިލުން މި ފަރާތްތަކަށް އިތުރު ތަކްލީފެއް
ނުޖައްސައި ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރކޮށްދެއްވުމަށް ފަހި ޔޫނިއަނުން ގޮވާލިއެވެ.