އއ. ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ، ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ސްޕީޑްބޯޓެއް ދިޔަވެ އަޑިއަށް ދާކަމަށް 30 މެއި 2026 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މިހާދިސާ ހިނގުމާގުޅިގެން، ސްޕީޑްބޯޓުގެ ވެރިފަރާތުން އެސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާ، ސްޕީޑްބޯޓުގައި ތިބި 20 މީހުން އެ ލޯންޗަށް ރައްކާތެރިކަމާއެކު ބަދަލުކޮށް، ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ސްޕީޑްބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އުޅަނދުގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ލޯންޗު ބަންޑުން ޖަހާލައި، މީހުން ކަނޑުވި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އެއްވެސް މީހެއްގެ ގައިގަ ލައިފްޖެކެޓެއް ނެތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗުގައި ފަތަން ނޭނގޭ މީހުން ތިއްބެވެ. ފަތަން ނޭނގޭ މީހުން ބަންޑުން ޖަހާލި ލޯންޗު މަތީގައި ތިބިއިރު، ފަތަން އެނގޭ މީހުން އެކި އެއްޗެހީގައި ހިފަހައްޓައިގެން ފެންމަތީގައި ތިބޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މި ހާދިސާއާ ގުޅިގެން މިމައްސަލަ ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި މިހާރު ކަނޑުދަތުރުފަތުރު ކުރާއިރު، ލައިފްޖެކެޓް ނުދޭ ކަމަށާއި، އެ ދިން ނަމަވެސް ބޭނުންނުކުރާ މައްސަލަ ބޮޑުކަން ބައެއް މީހުން ފާހަގަކުރި އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.