ރައްޔިތުންގެ
މަޖިލީހުން ނިންމުންތައް ނިންމުމުގައި އެކި ފަހަރު އެކި ގޮތަށް އަމަލުކުރަމުންދާ ކަމަށް
ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ބޮޑެތި ފާޑުކިޔުންތަކެއް
އަމާޒުކުރައްވައިފިއެވެ.
މައުރޫފް މިފަދައިން ވިދާޅުވީ މަޖިލީހުގެ ނައިބު
ރައީސް އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން
ޝަމީމް ވަކިކުރުމުގެ މައްސަލައިގައި މަޖިލީހުން އަމަލުކުރި ގޮތް ތަފާތުވުމާ ގުޅިގެންނެވެ.
މަޖިލީހުގެ
ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގެ ޖަލްސާ
ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލީހުން ނިންމީ އެ މައްސަލައިގައި އިތުރަށް
ވޯޓަށް ނޭހުމަށެވެ. އެހެންކަމުން އެ ހިސާބުން އެ މައްސަލަ ވަނީ މަޖިލީހުން ނިންމާލާފައެވެ.
ނަމަވެސް
މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމުގެ
މައްސަލައިގައި މަޖިލީހުން އަމަލުކޮށްފައިވަނީ މުޅިން ތަފާތު ގޮތަކަށްކަން މައުރޫފް
ފާހަގަކުރެއްވިއެވެ. ޝަމީމް މަގާމުން ވަކިކުރުމުގެ ޖަލްސާ ބޭއްވުމުގެ ކުރިން އޭނާ މަގާމުން
އިސްތިއުފާ ދެއްވާފައި ވަނިކޮށްވެސް، މަޖިލީހުން ވަނީ އެ މައްސަލައިގައި ވޯޓަށް އަހައި
އޭނާ މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ.
މި ދެ މައްސަލައިގައި
މަޖިލީހުން އަމަލުކުރި ގޮތް ތަފާތުވުމާ ގުޅިގެން މައުރޫފް ވަނީ ބޮޑު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝަމީމް
ވަކިކުރުމުގެ ޖަލްސާ ކުރިއަށްދިޔައިރު، އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށް
ވިދާޅުވެ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީ އަށް
ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ ނިޒާމީ
ނުކުތާއެއްވެސް ނަންގަވާފައެވެ. ޣަފޫރު ވިދާޅުވީ މީޑިއާ ތަކުގައި އިސްތިއުފާ
ދެއްވި ވާހަކަ އެބައޮތް ކަމަށާއި، އެކަން ސާފު ނުކޮށް ޖަލްސާ ކުރިއަށް
ގެންދިއުމަކީ ނިޒާމީ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް ރިޔާސަތުގައި އޭރު އިންނެވި
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ނޫންކަމަށެވެ. އަދި ވޯޓަށް އަހައި ޝަމީމް އޭރު ވަނީ މަޤާމުން
ވަކިކޮށްފައެވެ.
ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް "މަގާމު ގައި ނެތް މީހަކު" މަގާމުން ވަކި ކުރުމުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ގޮތާ މެދު ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
މަޖިލީހުގެ
ތެރޭގައި މިފަދަ ތަފާތުކުރުންތައް ގެންގުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހުގެ
ރިޔާސަތަށާއި މެޖޯރިޓީ އޮތް ޕާޓީއަށް އަމާޒުވެފައެވެ.