ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ބޭއްްވި ޖަލްސާގެ ކުރިން ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ ޖަލްސާ ކުރުކޮށްލުމަށްފަހު އާދިއްތަ ދުވަހުގެ މެންދުރު އިތުރު އައު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އާދިއްތަ ދުވަހުގެ ހެނދުނު 9:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައި ވަނީ, މަޖިލީހުގެ ނައިބު ރައީސް ކަމުން އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާއިފަވާ މައްސަލައިގައި ގޮތެއް ނިންމުމަށެވެ. އެ ޖަލްސާ ފަށަން 30 އަކަށް މިނެޓަށް ވެފައި ވަނިކޮށް ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އާދިއްތަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިިވާ ކަމަށާ އެހެންކަމުން އެ މައްސަލަ ނިމުނީ ކަމަށް ވިދާޅުވެ އެކަން އިއުލާނު ކުރައްވާފަ އެވެ.
އެޖެންޑާގައި އިތުރު ކަމެއް ނެތުމާއެކު ޖަލްސާ ނިންމާލައްވަނީ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އަބްދުއްރަހީމް ވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ ކީއްކުރަން ބާއްވާ ޖަލްސާއެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ބާއްވާ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އިއުލާނު ކޮށްފައި ނުވި ނަމަވެސް ބެލޭ ގޮތުގައި މިއީ މިހާރު ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އެކެވެ.
ހިނގަމުން ދާ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 15 އަށް ހަމަވި ނަމަވެސް މުއްހިމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ މި މަހުގެ ނިޔަލަށް މި ދައުރު ވަނީ ދަންމާލާފަ އެވެ.