މާލޭގެ އާޓިފިޝަލް
ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު
ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ
ކަމަށާއި އެކަން ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މި ހާދިސާއާ
ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު
މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ
ކަމަށެވެ. ނަމަވެސް މިހާތަނަށް މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކުން ރަސްމީކޮށް
މައްސަލައެއް ހުށަހަޅާފައި ނުވާކަން ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން
އިތުރަށް ވިދާޅުވީ، މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ
ކަމަކަށް ވާތީ ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ
ކަމަށެވެ. އަދި މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް
އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ސޯޝަލް މީޑިއާގައި
ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ބިދޭސީންތަކެއް އެކަކު
އަނެކަކަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގައެވެ. މި ހާދިސާ ހިނގާފައިވަނީ މީހުން
ގިނަ އާންމު ސަރަހައްދެއްގައެވެ.
ފަހަކަށް
އައިސް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީންގެ މެދުގައި މާރާމާރީ ހިންގާ
މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް
ކަމާބެހޭ އިދާރާތަކުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ
ހިލާފަށް އުޅޭ ބިދޭސީން ހޯދުމާއި، ކުށްތަކަށް އަރައިގަންނަ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު
އެޅުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.