ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު
ނާޒިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުއިއްޒު ފައިސާ ބެއްސެވި ކަމަށް ބުނާ އަޑުތަކެއް ގަދަވެއްޖެއެވެ.
ނާޒިމް ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ އާދިއްތަ
ދުވަހުގެ މަޖިލިސް ޖަލްސާއަށް ތާވަލުކޮށްފައެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމަށް
ޕީއެންސީން މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެގޮތަށް ބޭނުންފުޅުވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މައްސަލައިގައި މެންބަރުންގެ
ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ މި ދަނޑިވަޅުގައި، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް
ރައީސް ފައިސާ ބައްސަވާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.
މިކަމާ ގުޅޭގޮތުން ޕީއެންސީގެ ބައެއް މެންބަރުންނާ
ހަވާލާދީ އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި މެންބަރުންނަށް
ފައިސާގެ ބޮޑެތި އަދަދުތަކެއް ވަނީ ދީފައެވެ. އެގޮތުން ދެ މަހުގެ މެދުކެނޑުމަކަށް
ފަހު، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ
ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ދޭ 50،000ރ ދީފައިވާކަމަށް ރިޕޯޓު
ކޮށްފައިވެއެވެ.
ނާޒިމް ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ
ސަރުކާރުގެ ތެރޭގައި އަދި ޕީއެންސީގެ އެތެރޭގައި ބައެއް ހިޔާލުތަފާތުވުންތައް އުފެދިފައިވާ
ކަމަށް އަޑުތައް ފެތުރިފައިވާ ވަގުތެއްގައެވެ. އާދިއްތަ ދުވަހަށް މި މައްސަލަ ތާވަލުކޮށްފައިވާއިރު،
މަޖިލީހުގެ ތެރޭގައި މި މައްސަލައަށް ބޮޑު ސަމާލުކަމެއް ވަނީ ހުއްޓިފައެވެ.
މަޖިލިސް މެންބަރުންނަށް މިގޮތަށް ފައިސާ ބަހާ މައްސަލަ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައިވާކަމަށްވެއެވެ. ނަމަވެސް އޭސީސީން މިހާތަނަށް
މި މައްސަލައިގެ ތަހުގީގު ފަށާފައިވާކަންވެސް އެނގޭކަށް ނެތެވެ.