ރާއްޖޭގައި މިއަދު މި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދަނީ ހުންގާނެއް ނެތް އޮޑިއެއް ދާހެން ކަމަށާއި ރައްޔިތުންނަށް އެއްވެސް ކަމެއް ނުވާއިރު، ރައްޔިތުން ދަނީ ނިކަމެތި ވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުގައި ކަމެއް ކުރަން އެނގޭ ބޭފުޅަކު ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ވެސް ސަރުކާރު ޖަވާބުދާރީވެސް ނުކުރެވޭއިރު ފެންނަނީ މަޖިލީހުގެ މެންބަރުން ކަސްތޮޅު އަޅުވާ ދަނޑިމާރު އަޅައިގެން ގެންގުޅޭތަން ކަމަށް ފަލާހު ވިދާޅުވި އެވެ. އެ ނޫން ގޮތަކަށް މިހާރު މި އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންގުޅޭ ތަން ނުފެންނަ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަދައްކަނީ ދެ މެންބަރުން ކަމަށެވެ. އެކަމުން ފެންނަނީ މިއަދު މިއޮތް ސަރުކާރު ބަލިކަށިވެގެން ގޮސްފައިވާ މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް ގައުމުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށާ އެކަން އެގޮތަށް ވަނީ ހިންގަން ނޭނގޭ ބަޔަކު ތިބީމަ ކަމަށް ފަލާހު ވިދާޅުވި އެވެ.

ރާއްޖޭގަ މިއަދު މިއޮތް ސަރުކާރު މި ދަނީ ހަމަ ހުންގާނު ނެތް އޮޑިއެއް ދާހެން. އަޅުގަނޑުމެން މިއުޅެނީ މޮޔައެއްގެ އަތަށް ކަނޑި ދީގެންނޭ. ދެން ހަމަ ހޫރަމުން ދުވަނީ. އެތާކު ލައްވާލިއްޔާ މިތާކު ލައްވާލިއްޔާ ލައްވާލީ.  ސަރުކާރެއް ހިންގަން އެނގޭ ބޭފުޅަކު، އަޅުގަނޑޫމެން އެންމެނަށް ވެސް އެނގޭ މިއަދު މި ހުންނެވި ރައީސް ފުރަތަމަ ހުންނެވީ މާލެ ސިޓީ ކައުންސިލްގައި ކަން. ސިޓީ ކައުންސިލްގައި ހުންނެވި ގާތްގަނޑަކަށް 2 އަހަރާއި ބައި. މާލެ އަށް ކޮން ކަމެއްތޯ ވީ. ކަމެއް ވި ތޯ. ހަމަ ބަރާބަރަށް އެ ބޭފުޅުންނަށް ދޭން ޖެހޭ ބަޖެޓާ އެއްޗެހި އެމްޑީޕީ ސަރުކާރުން ދެމުން ދިޔައީ. މިހާރު، ކަންކަން ކުރާ ކަހަލަ މޭޔަރުން އައިމަ، މާލޭގެ މަގުތައް ހެދޭތަން ވެސް އެބަ ފެނޭނު. ފެން ހިނދޭތަން ވެސް އެބަ ފެނޭ ނޫންތޯ. 
 ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު 

ފަލާހު ވިދާޅުވީ ކަންކަން ކުރަން ނޭނގޭ މީހުން އަތަން ކަން ކުރަން ދިނުމުން ވާނެ ހަ އެތި މިއަދު ފެންނަމުން ދާއިރު ރައީސް މުއިއްޒަށް ކުރައްވަން އެނގިވަޑައިގަންނަވާ އޮތީ އެންމެ ކަމެއް ކަމަށެވެ. 

އެއީ ގައުމުތަކަށް ދަތުރު ކުރުން ކަމަށާ މި ވީ ދެ އަހަރަށް ބަލާއިރު މަހަކު 2 ދަތުރުގެ ނިސްބަތުން ދަތުރު ރާއްޖޭން ބޭރަށް، އެކި ގައުމުތަކަށް އެމަނިކުފާނު ކުރައްވާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. ނަމަވެސް މިއިން ދަތުރަކުން ރާއްޖެ އަށް ވީ ފައިދާއެއް ވެސް ވީ ކަމެއް ވެސް ނެތް ކަމަށާ ވީނަމަ ވީހާވެސް ކަމަކީ ރާއްޖޭގެ ރައްޔިތުން ނިކަމެތިވުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ ދެ ދުވަހުން އެއް ދުވަހުން ނޫސް ވެރިންނާ ބައްދަލުކުރެވިދާނެ ކަމަށާއި ސްޕޯކްސްޕަރސަން ބަދަލު ކުރައްވާ، އެ ބޭފުޅާ ލައްވާ ވާހަކަ ވެސް ދެއްކެވި ދާނެ ކަމަށާ ކިތަންމެ ވަރަކަށް ވާހަކަ ބަދަލުވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ކަން ނުވާކަން ކަމަށް ފަލާހު ވިދާޅުވި އެވެ.