މިއަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން، ހޮނިހިރު ދުވަހުގެރޭ ވިލިމާލެއާ ދިމާ ބޭރުން ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަވާ އެރުވުން ކުރިއަށްދާނީ މިރޭ (ހޮނިހިރު ދުވަހުގެ ރޭ) 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގަ އެވެ. މި ހަރަކާތް ގާތްގަނޑަކަށް 5 މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެ އެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގައި ސަލާމަތީ ބާރުތަކާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެން އާންމުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ.

މާލޭގެ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކުގައި ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާ ފައެވެ. ޢީދު ދުވަހާއި ޢީދާ ގުޅިގެން ބަންދުވި ތިން ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި، އެމްއެންޑީއެފާއި ފުލުހުންގެ ސްޓޯލްތަކުން ތަފާތު ކުޅިވަރުތައް ވަނީ ދައްކާލާފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެ ސަރަޙައްދެއްގައިވެސް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ވަނީ ކުޑަކުދިންގެ ހަވީރުތައް ބާއްވާ ފައެވެ. އެގޮތުން ހުޅުމާލެ ހިޔާ ސަރަޙައްދުގައި އެމްއެންޑީއެފާއި ވެމްކޯ ގުޅިގެން ހަރަކާތްތަކެއް ކުރިއަށްގެންދިޔައިރު، ހުޅުމާލެ ސެންޓްރަލް ޕާކުގައިވެސް ސަރުކާރުގެ ކުންފުނިތަކުން ވަނީ ގިނަ ކުޅިވަރުތަކަކާއެކު ކުޑަކުދިންގެ ހަވީރެއް އިންތިޒާމުކޮށްފަ އެވެ.

މިއަހަރުގެ ޢީދު ފާހަގަކުރުމަށް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ސަގާފީ އަދި ޒަމާނީ ތަފާތު ކުޅިވަރުތައް އަންނަނީ ފޯރިއާއެކު ބާއްވަމުންނެވެ.