މާލެ އަތޮޅު މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބޮޑު ބަދަލު ކެންޕޭނަށް އެމަނިކުފާނު ކ. ގުރައިދޫ އަދި މާފުއްޓަށް ކުރެއްވި ދަތުރުފުޅަށްފަހު އާއްމު ކުރެއްވި ވީޑީއޯއެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި، ގުރައިދޫ އާއި މާފުށި ވެސް މިސިނާއަތުގައި ވަރަށް ވަރުގަދަ ކަމަށެވެ. 

މާފުއްޓަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެރަށަކީ އެހެން ރަށްތަކަށް އޮތް ލާމަސީލު ރަށެއް ކަމަށާއި، ވަރަށް ބޮޑަށް ފަތުރުވެރިކަން ކުރިއަރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެރަށުގައި ހިއްކާފައިވާ ސަރަހައްދު ތަރައްގީ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި، ވަރަށް އަވަހަށް އެމަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އެހެންކަމުން މިސަރުކާރުން ވެސް އެމަސައްކަތަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ މާފުށީގައި ނަރުދަމާ ނިޒާމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށާއި، މިމައްސަލައަށް ވެސް އަވަސް ހަލެއް ބޭނުންވާ ކަމަށެވެ. 

މިތަނުގައި މިއޮތް ނަރުދަމާ ނިޒާމުގައި ވެސް ބައިވަރު މައްސަލަ އެބަހުރި. ވެކިއުމް ސިސްޓަމެއް އޮތީ. މި ވެކިއުމް ސިސްޓަމްގެ ނަރުދަމާގެ މައްސަލަތައް ވަރަށް ގިނަ ރަށްރަށުން ފެނޭ. ޚާއްސަކޮށް މިމައްސަލަތައް ކުރިމަތިވަނީ ޕަންޕުތައް މެއިންޓެއިން ނުކުރެވި، މަރާމާތު ނުކުރެވޭތީ. އަޅުގަނޑުމެންގެ އަމާޒަކީ މިކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ކައުންސިލުން ވެސް މެދުވެރިވެގެން ކުރުން. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީގެ މިކަންކަމަށް ހުރި ބާރުތައް އަޅަމުން ގެންދާނަން. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، އެވެރިކަމުގައި ރައްޔިތުންނާ ސީދާ ގުޅިފައިވާ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާފުށިން 25 ހެކްޓަރުގެ ބިމެއް ވަނީ ހިއްކާފަ އެވެ. މި ބިމަކީ މާފުއްޓާ ވަކިން، ބްރިޖަކުން ގުޅާލެވޭގޮތަށް ހިއްކާފައިވާ ބިމެކެވެ. އެހެން ކަމުން އެ ބިން ތަރައްގީކުރާ އިރު ރަށަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތަކާއި ވަސީލަތެއް ލިބޭނެހެން ތަރައްގީކުރުމުގެ ކުރާނެ މީގެ ކުރިން އެރަށުގެ ކައުންސިލުން ބުނެފައިވެ އެވެ. އަދި އެ ބިމުގެ 45 ޕަސަންޓުގެ ބިން ބޭނުންކުރާނީ ބަންޑާރަ ގޯތި ދޫކުރުމަށް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.