ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގަ އެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ އެ ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސްގެ ޚިޠާބުގައި ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއްކަން ފާހަގަކުރެއްވި އެވެ. އަދި މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮންމެ ސްކައުޓެއްގެ ކިބައިން ފެންނަ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަން ރައީސް ފާހަގަކުރެއްވި އެވެ. ސްކައުޓް ހަރަކާތަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރީތި ނަމޫނާ ސްކައުޓުންގެ ފަރާތުން މިހާތަނަށް ވެސް ފެނިފައިވާ ކަމަށެވެ. މިއީ މުޖުތަމައުގެ ބަދަހިކަމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށް ގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.