މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަލުން ގުޅިވަޑައިގެންނެވީ ޕާޓީގެ ކަންކަން އިސްލާހު ކުރައްވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ ބޮޑު ބަދަލު ކެންޕޭން މުޅި ރާއްޖޭގައި ހިންގަވަމުންނެވެ.

އެގޮތުން ފ. ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބޮޑު ބަދަލެއް ގެންނާނީ އެމްޑީޕީން ކަމަށާއި، ޕާޓީގެ ތެރެއިން އެމަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ. 

އެމްޑީޕީގެ އިސްލީޑަރުންނަކީ ކޮބައިކަން ނޭނގޭކަން ބުނެ އާއްމު މީހަކު ކުރި ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، ޕާޓީއާ އަލުން ގުޅިވަޑައިގަތީ ވެސް އެކަންކަން އިސްލާހު ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ޕާޓީގެ ކުރީ ސަފުގައި ތިބެންޖެހޭނީ އަދި ތިބުން މުހިންމު ވާނީ މަސައްކަތް ކުރާ މީހުން ކަމަށެވެ. މިފަހުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ޕާޓީގެ ކަންކަން ލިބެން ޖެހޭނީ މަސައްކަތްކުރާ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ކަމަށް ވިދާޅުވުމުން ވާދަވެރިންނަށް އެކަން ކަމުނުދިޔަ ކަމަށާއި، އެކަން ބަލައި ގަނެފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް އެއީ ކަން ހިނގަންޖެހޭ އުސޫލު ކަމަށާއި، ކާމިޔާބު ލިބޭނީ ގަދައަޅާ މަސައްކަތް ކުރުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ޗެއަރޕާސަނެއް ވެސް އިންތިޚާބު ކުރަންވާނީ ޕާޓީގެ އެންމެންގެ ވޯޓާއެކު ކަމަށާއި، އެންމެން ވެސް ވޯޓުލާން ޖެހޭ ކަމަށެވެ.