ރާއްޖެ އިން ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ހިމަބިހި ނުވަތަ މީސެލްސް އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށާފައިވާތީ، ހިމަބިހީގެ ވެކްސިން ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައި ފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓައި، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ގޭގައި އުޅޭ މީހުންނަށް ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސް އަށް މިހާރުވެސް ވެކްސިން ދޭން ފަށާފައިވާކަމަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަނީ ކުރިއަށް އޮތް ދުވަސްކޮޅުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ކުރިޔަށް ދަނީ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހިމަބިހީގެ ވެކްސިން އަށް އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ ދެ ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުންކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ހިމަބިއްސަކީ ވެކްސިން ދީގެން ރައްކާތެރިވެވޭ ބައްޔަކަށް ވާއިރު، ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެ އަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ފަހަކަށް އައިސް މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.

މި މެއި މަހު މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭ އިން މިހާރު ދަނީ އެފަރާތްތަކާއި ބައްދަލުވި ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ޓެސްޓު ހެދުމާއި އަދި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މާލެ ސަރަހައްދުން 9 ފަރާތެއް ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފަ އެވެ.

ހިމަބިހި އަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށްވާތީ، ސިއްހީ ފަރުވާދޭ ފަރާތްތަކުން އިލްތިމާސްކުރަނީ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށެވެ.