މި ދިޔަ 2025 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ސަބްސިޑީ އަށް ހޭދަ ކުރި ފައިސާ 77 އިންސައްތަ އިތުރު ވެފަވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މާލީ ވުޒާރާ އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ހިމެނޭ މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ސަބްސިޑީ އަށް  2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގައި ހޭދަކުރި 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެކެވެ.

ރިޕޯޓުގައި ވާގޮތުން މި އަހަރުގެ މިހާތަނަށް ސަބްސިޑީ އާއި އެހީގެ ގޮތުގައި 5.2 ބިލިޔަން ރުފިޔާ ވަނީ ހޭދަ ކޮަށްފަ އެވެ.  މިއީ މިދިޔަ އަހަރު މި މުއްދަތުގައި ހޭދަކޮށްފައިވާ 3.5 ބިލިޔަން ރުފިޔާ އާ އަޅާބަލާއިރު 1.7 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު ސަބްސިޑީ އާއި އެހީގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 48 އިންސައްތަ އިތުރުވެފައިވެ އެވެ.

ނަމަވެސް އާސަންދަ އާއި ވެލްފެއަރއަށް ކުރި ހޭދަތައް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އާސަންދައަށް 804 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 806 މިލިޔަން ރުފިޔާ އެވެ.

ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރުގެ މި މުއްދަތުގައި 91.5 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 113 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. 

މީގެ އިތުރުން އެހެނިހެން ގްރާންޓް އަދި އެހީގެ ގޮތުގައި މި އަހަރު ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި އެހެނިހެން ގްރާންޓް އަދި އެހީގެ ގޮތުގައި ދޫކޮށްފައިވާ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.