އަންނަަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ.

އެ ޕާޓީ އިން ބުނީ އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ހުކުރު ދުވަހުން ފެށިގެން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެ ކަމަށެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ. 

އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގަ އެވެ. މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ.

މި އިންތިޚާބު ގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ. 

މި މެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ. 

12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީ އިން ވަނީ  އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި އިއުލާންވެސް ކޮށްފަ އެވެ. 

މި މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.