ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ އާމިނަތު ރޫނާ ކަމަށް ފުލުހުން ބުނެފި އެވެ. 

މި ދެމީހުންގެ ތެރެއިން ޢަލްޔާ ޝަރްސާ ނަޞީރު ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އާމިނަތު ރޫނާ  ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިންނެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވާއިރު ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ބުރާސްފަތި ދުވަހު އިތުރު 30 ދުވަސް ޖަހާފަ އެވެ.

ކޯޓު އަމުރުތަކުގައި ވާ ގޮތުން ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށް މައްސަަލަ ތަހުގީގު ކުރާ ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. ކޯޓު އަމުރުގައި ބުނީ މައްސަލާގައި ދެން ހިމެނޭ އަލްޔާ ޝަރްސާ ނަސީރު ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ ދަށުން ކަމަށެވެ. 

ކޯޓު އަމުރުގައި ބުނީ ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ  އަލްޔާގެ ޓްރެވަލް ހިސްޓްރީ އާއި ފޯނު އެކްސްޓްރެކްޝަން ރިޕޯޓުން އަލްޔާ އަކީ ގާތްގާތުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހެއްކަން އެނގޭ ކަމަށާއި ފޯނުން ވެސް މައްސަލައާ ގުޅޭ ހެކި ފެނިފައިވާ ކަމަށެވެ. 

ތަހުގީގަށް ފުރިހަމައަށް އެއްބާރުލުންދިނުމަށް އަލްޔާ ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެ އެވެ. 

މި ދެ މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރިކަމުގެ ކުށުގެ ތުހުމަތެވެ. ފުރަތަމަ ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރިކަމަށެވެ.