ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލައި ޖޯޝާ ފޯރި ގެނެވޭނީ އެ މަނިކުފާނަށް ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 ނަޝީދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގެ ކެމްޕެއިން އަށް އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުފުޅުގެ ތެރެއިންނެވެ. ނަޝީދު ވަނީ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކުން އެމްޑީޕީ އަށް ގިނަ މީހުން އައިސް ބައިބޮޑު ވެގެންދާ މަންޒަރު ފެނިގެންދާ ކަމަށެވެ. 

އެމްޑީޕީ އަށް އާ ޖޯޝެއް ގެނެސްދީ ރަށްރަށުން ރީނދޫ ކުލަ ނުކުންނަން ފެށީ އެ މަނިކުފާނު ނުކުމެވަަޑައިގެން ކަންކަމުގައި އުޅުއްވަން ފެއްޓެވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން މީހަކަށް އެކަން ކުރެވޭ ނަމަ އެ މަނިކުފާނު ނުކުމެ ވަޑައިގެން މަސައްކަތް ކުރާ ހިސާބަށް ކަންކަން ނުދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަލުން އަނބުރާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނުގެ ވާހަކައިގައި ވިދާޅުވި އެވެ.

އެމްޑީޕީ ޗެއަރޕަރސަންކަމުގެ އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހު އެވެ.