މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ "ދެވަނަ ކަނޑު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދުގެ ހޮހަޅައަށް ފޭބި އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން ކަމަށް، އެމީހުންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ މިހާރު ވަނީ ލިބިފައެވެ. އެއީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ ހަށިގަނޑެވެ.
ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، މި ދެމީހުންވެސް މަރުވާން މެދުވެރިވީ އެމީހުން ބޭނުންކުރި އޮކްސިޖަން ސިލިންޑަރުން ވައި ހުސްވުމުގެ ސަބަބުން ނުވަތަ "އެނޮކްސިއާ" ގެ ހާލަތެއް ކުރިމަތިވެގެން ކަމަށެވެ. މިއީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބުމުގެ ސަބަބުން ނުވަތަ ގެނބިގެން މަރުވުމަށް ކިޔާ ނަމެކެވެ.
މި ހާދިސާގެ ފުރިހަމަ ޕޯސްޓްމޯޓަމް ރިޕޯޓް ލިބޭނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކަމަށްވެސް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލައަކީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އިޓަލީގެ ޕްރޮސިކިއުޓަރސް އޮފީހުން ވަނީ މި ތަހުގީގަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވާފައެވެ.
މި މީހުން ހޯދުމަށް ކުރި ފުރަތަމަ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ރެސްކިއު ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. މި މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހު އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑު ވެސް މިރޭ ފަތިހު އިޓަލީ އަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މުންދު ވިދާޅުވީ އެ ގައުމުގައި ވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ތަހުގީގުގެ ތެރެއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ޓީމާއި ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެ އިން ވެސް މި މައްސަލަ ތަހުގީގުކުރާތީ ދެ ގައުމުން އެގޮތަށް އެއްބަސްވެފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.
މަރުވި މީހުންގެ ހަށިގަނޑާ އެކު ފެނުނު ގޯޕްރޯ ކެމެރާތަކާއި، ޑައިވް ކޮމްޕިއުޓަރުތަކާއި އެހެނިހެން ސާމާނުތައް ބެލުމުގެ ހުއްދައަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. މި ތަކެތި މިހާރު ހުރީ މާލޭގައި ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގަ އެވެ.
މި އާލާތްތަކުގެ އެހީގައި، އެމީހުން ފީނި ފުންމިނާއި، ހޭދަވި ވަގުތާއި، ބޭނުންކުރި ގޭހުގެ މިންވަރުގެ އިތުރުން، ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފުޓޭޖް ލިބުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން އެމީހުން ހޮހަޅައަށް ވަނީ އަމިއްލައަށްތޯ ނުވަތަ ބާރުގަދަ އޮއިވަރެއްގައި ޖެހިގެންތޯ ކުރެވޭ ބަހުސްތަކަށް ނިމުމެއް އަންނާނެއެވެ.