އެބޯލާ ވައިރަހާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ، އިންޑިއާ އަށް ދަތުރުކުރާއިރު ސެލްފް ޑެކްލަރޭޝަން ފޯމް ހުށަހަޅަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފި އެވެ. 

މި ނިންމުން ނިންމީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފެތުރެމުންދާ އެބޯލާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ހެލްތު އިމަޖެންސީ އިއުލާނުކުރުމާ ގުޅިގެން އަމަލުކުރުމަށް ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އެއާލައިންތަކުން ކަނޑައެޅި އެސްއޯޕީއެއްގަ އެވެ. 

މި އެސްއޯޕީގެ ދަށުން ފަސިންޖަރުން އަމިއްލައަށް ސިއްހީ ހާލަތު ބަޔާންކުރާ ސެލްފް ޑެކްލަރޭޝަން ފޯމު ފުރުން ވަނީ މަޖުބޫރުކޮށްފަ އެވެ.

މި އެސްއޯޕީގެ ދަށުން އެބޯލާ ފެތުރިފައިވާ ގައުމުތަކުން ދަތުރުކުރާ ނުވަތަ އެފަދަ ގައުމަކަށް ގޮސްފައިވާ ފަސިންޖަރުން، އެމީހުންގެ ދަތުރުގެ ތާރީހާއި ސިއްހީ ހާލަތުގެ ތަފްސީލް ސެލްފް ޑެކްލަރެޝަން ފޯމްގައި ހިމަނަން ޖެހެ އެވެ. އަދި ބައިނަލްއަގުވާމީ ފްލައިޓްތައް އަންނަ ޓާމިނަލްތަކުގައި ތާމަލް ސްކޭނަރުތައް ބޭނުންކޮށްގެން ފަސިންޖަރުންގެ ހުން ހުރިތޯ ބަލަންޖެހެ އެވެ. 

އިންޑިއާއިން މި ނިންމުން ނިންމާފައިވާތީ މިކަން ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އިން ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ. އަދި މި ފިޔަވަޅަކީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، މިކަމަށް އިންޑިއާ އަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް  މޯލްޑިވިއަން އިން އެދިފައިވެ އެވެ. 

ސެލްފް ޑެކްލަރޭޝަން ފޯމް މޯލްޑިވިއަންގެ ވެބްސައިޓުން ލިބޭނެ އެވެ.

މި ފޯމު ފުރުމަށް ފަހު، ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.

އެބޯލާ ވައިރަހާ ގުޅިގެން އެކި ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު، ރާއްޖޭގެ ހެލްތް މިނިސްޓްރީން ބުނީ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ "ޕެންޑެމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ މިންގަނޑަށް މި ބަލި އަދި ފެތިފައިނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ. 

އެބޯލާއަށް، "އެބޯލާ ހެމެރެޖިކް ފީވާ"، ވެސް ކިޔަ އެވެ. އެއީ ހުންއައިސް ހަށިގަނޑުން ލޭ ފައިބާތީ އެވެ. މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ އަދި ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. މި ވައިރަސް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ލޭ ފޭބުމާއި ގުނަވަންތައް ފޭލްވުމާއި އަދި އެންމެ ފަހުން މަރާކުރިމަތިލުން ގާތެވެ.