ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަރަނި ދެއްކުމަށް އިތުރު ދަރަނިތަކެއް ނަގާ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ ބޮޑު ބަދަލު ކެންޕޭން މުޅި ރާއްޖޭގައި ހިންގަވަމުންނެވެ. އަދި އދ. މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދަރަނީގެ ހާލަތާ ގުޅިގެން އެމަނިކުފާނު ކަންބޮޑުވުންފާޅު ކުރައްވާފައިވެ އެވެ.
ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިފައިވާ ކަމަށާއި، މިކަމުގެ ނިކަމެތިކަމާއި ހުރިހާ ދެރައެއް ލިބޭނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ. މިސަރުކާރުން ދަރަނި ދެއްކުމަށް އިތުރު ދަރަނިތަކެއް ނަގާ ދަރަނީގެ ދަންތޫރައެއްގެ މިސްރާބުގައި ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ދަރަނީގެ ދަންތޫރައެއްގައިޖެހި ދަރަނި އަދާނުކުރެވި ތިބެވިއްޖެނަމަ ރާއްޖެ ޑީފޯލްޓަކަށްގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެގޮތުން އަވަށްޓެރި ސްރީލަންކާ ޑީފޯލްޓަކަށް ގޮސް ކަންވީގޮތް ދިވެހިންނަށްވެސް އިނގޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެހާލަތު ރައްޔިތުން ހަނދާން ނެތާހާ ދުވަސް ނުވާ ކަމަށެވެ.
ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މިހާލަތު ބަދަލު ކުރުމަށް މުޅި ރާއްޖެއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އަކީ އަބަދުވެސް ބަދަލު ގެންނަ ޕާޓީއެއް ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަންފާވާ ގޮތަށް މަސައްކަތް ކުރާ ޕާޓީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.