އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ ބޮޑު ބަދަލު ކެންޕޭން މުޅި ރާއްޖޭގައި ހިންގަވަމުންނެވެ.
ބުދަ ދުވަހު އދ. މާމިގިލީގައި ހުންނަވައި، އެކްސްގައި ހިއްސާކުރެއްވި ވީޑީއޯއެއްގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އެންމެ މެންބަރަކު ވެސ ވަކިވާން ނޭދޭ ކަމަށާއި، ވީހާ ވެސް ގިނަ މީހުން ޕާޓީއާ ގުޅުމަށް އެދޭ ކަމަށެވެ. އަދި މަސައްކަތް ކުރަމުން މިދަނީ މިއަހަރު ނިމުމުގެ ކުރިން އެމްޑީޕީއަށް އެއްލައްކަ މެންބަރުން ހަމަ ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އެންމެ މެންބަރެއް ވަކި ވުމަކީ ވެސް އަޅުގަނޑު އެދޭނެ ގޮތެއް ނޫން. އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ އުންމީދަކީ އެއްލައްކައަށް ވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭއްތިއްބުން. އިރާދަކުރެއްވިއްޔާ މި އިންތިޚާބުގެ ތެރޭގައާއި، އޭގެފަހުން ވެސް އަޅުގަނޑުމެންގެ މެންބަރޝިޕް މާ ބޮޑަށް އިތުރުވެގެންދާނެ. އެއްލައްކައަށްވުރެ މައްޗަށް އަޅުގަނޑުމެންގެ މެންބަރ ޝިޕް ދާނެ. އެއްވެސް ބޭފުޅެއް އެއްވެސް ސަބަބަކާ އެމްޑީޕީ ދޫކޮށްލާކަށް އަޅުގަނޑު ކުޑަކޮށް ވެސް ނޭދޭނަން.ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި، އެ އުންމީދު ވަރަށް ބޮޑު ކަަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރީނދޫ ލަޝްކަރުގައި އެއްލައްކަ މެމްބަރުން ހަމަވެ، އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.