ލ. ގަމުގައި ކަރަންޓުގައި ޖެހިގެން ހާލު ދެރަވި 14 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުއްޖާގެ ހާލު ސިރިއަސް ކަމަށާއި، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މި ކުއްޖާގެ ހާލު ސީރިއަސްވުމާއެކު، ގަމު ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވަނީ 27 މެއި 2026 ވީ ބުދަ ދުވަހުގެ ހެނދުނު 8:15 ހާއިރު އެވެ. 

މި ހާދިސާ ހިނގާފައިވަނީ 26 މެއި 2026 ވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި، އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ. އެ ކުއްޖާ ކަރަންޓުގައި ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގަ އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.