މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޓީ މަތިންދާ ބޯޓު މިއަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.  އިޔާސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށްފަހު، ރައީސް އެ ދުވަހު އިއުލާންކުރެއްވި ގޮތަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ހަމައެއާއެކު، މި ބޯޓު ރާއްޖެއަށް ގެނައުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއަރކްރާފްޓު ލިބުން މިވަގުތު ހުރީ ވަރަށް ބޮޑަށް ލިމިޓްކޮށް ކަމަށެވެ.

މިދިޔަ އަހަރުގެ  އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް މުއިއްޒު  އެހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް  އިފްތިތާޙުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފުލާގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އޮޕަރޭޝަންތައް ފެށުމާއެކު، ޤައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އުދުހުންތައް ދިވެހިންގެ އަތްމަތީގައި އޮތުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ގޮތުގައި ފަތުރުވެރިކަމާއި، އުދުހުމުގެ ސިނާޢަތަށް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. އަދި 2025 ވަނަ އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނޭ އަހަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން ދިން ޑެޑްލައިން ފާއިތުވެ ގޮސް، އަނެއްކާވެސް މިވަނީ އައު ޑެޑްލައިނެއް ދީފައެވެ.