ރައީސުލްޖުމްހޫރިއްޔާ
ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ
މެމްބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކަށް ވެސް އެމަނިކުފާނު ބޭނުންފުޅުވާހާ
ގޮތަކަށް އަމަލުކުރާނެ "ބޮޓުންތަކެއް" އައްޔަންކުރަން ކަމަށް ރައްޔިތުންގެ
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
"ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ސަރުކާރުގެ
ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައުރޫފް
ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވަނީ ސިޔާސީ ވާދަވެރިންނާއި، ޚިޔާލުފާޅުކުރުމުގެ
މިނިވަންކަން މުޅިން ނައްތާލުމަށް ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުން އަދަބު ދެވޭ ގޮތަށް
ގާނޫނުތައް އިސްލާހުކޮށް، އާންމު ރައްޔިތުން ފިއްތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ
ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން،
މި ސަރުކާރުގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނެތްކަން ފާހަގަކުރައްވައި،
މީޑިއާ ކޮންޓްރޯލް ކުރުމަށް ހުށަހެޅި ބިލަކީ މީޑިއާތަކުގެ "ކަރު ބުރިކޮށްލަން"
ހެދި ގާނޫނެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވިއެވެ.

ސަރުކާރު
ހިންގުމުގެ ނިޒާމަށް އަލިއަޅުއްވާލައްވަމުން މައުރޫފް ވިދާޅުވީ، ވުޒާރާތައް ވެސް ހިންގަމުން
ދަނީ ވަރަށް ޚުދުމުހުތާރުކޮށް، އެވަގުތަކު ރައީސް ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.
ރައީސް މުއިއްޒަކީ ގޮތް ދޫނުކުރާ "ބޯހަރު" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި،
މައުރޫފް ވިދާޅުވީ ގައުމަށް ހެޔޮ އެދޭނަމަ ކަންކަން އިސްލާހު ކުރައްވާނެ ކަމަށާއި،
ނަމަވެސް މިހާރު ފެންނަމުންދަނީ އެ މަންޒަރު ނޫން ކަމަށެވެ.

ވުޒާރާތައް ވެސް ހިންގަވަމުން ގެންދަވަނީ ޚުދުމުހުތާރުކަމާއި އެކު އެވަގުތަކު ރައީސް ބޭނުންފުޅުވާ ގޮތަކަށް، ދިވެހި ރައްޔިތުންގެ ޙައްޤުގައި ފައި އަޅައިގެން އަބަދަކު ނުހުރެވޭނެކަން ރައީސް މުއިއްޒު ދަންނަން ޖެހޭނެ. ދިވެހި ރައްޔިތުން މަގުމައްޗަށްވެސް ނުކުންނާނެ،
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ
ހައްގުތަކަށް އަރައިގަނެގެން އަބަދަކު ސަރުކާރުގައި ނުހުރެވޭނެކަން ރައީސް މުއިއްޒު ދަންނަން
ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ހައްގުތައް ހޯދުމަށް ދިވެހި ރައްޔިތުން
މަގުމައްޗަށް ނުކުންނާނެ ކަމަށާއި، މި ސަރުކާރު ބަދަލުކުރުމަށް ކުރެވެން އޮތް ކޮންމެ
މަސައްކަތެއް ރައްޔިތުން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން،
ސަރުކާރު ހިންގާ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވެސް މިއަދު ތިބީ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި
ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ވަގުތު ޖެހުމުން ރައީސް މުއިއްޒު
"ސައިޒް ކުރުމުގެ" މަސައްކަތުގައި އެ މެމްބަރުން ބައިވެރިވާނެ ކަމަށް ވަރަށް
ބޮޑަށް ބެލެވޭ ކަމަށް ވެސް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.