ލ. ގަމުގައި ކަރަންޓުގައި ޖެހިގެން ޙާލުދެރަވި 14 އަހަރުގެ ފިރިހެން ކުއްޖަކު އިތުރު ފަރުވާ ދިނުމަށް މާލެއަށް ގެނެސް ފަރުވާ ދެމުން އެބަދެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި، އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން މައުލޫމާތު ދެމުން ބުނީ ގަމުގައި 14 އަހަރުގެ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ އަންގާރަ ދުވަހުގެ ރޭ 11:15 ހާއިރު ކަމަށެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާ ކަރަންޓުގައި ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގަ އެވެ.

ކުއްޖާގެ ހާލު ސީރިއަސްވުމާ ގުޅިގެން، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ބުދަ ދުވަހުގެ ހެނދުނު 8:15 ހާއިރު މާލެއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ކުއްޖާގެ މިހާރުގެ ހާލަތާއި ލިބުނު އަނިޔާގެ ތަފްސީލު އަދި ހާމައެއް ނުކުރެ އެވެ. 

ފުލުހުން މައުލޫމާތު ދެމުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.