1447 ވަނަ އަހަރުގެ އަޟްހާ އީދު އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ އެއް ރަށް ކަމަށްވާ ބ. ކަމަދޫ އިން ކަރަންޓް ކެނޑިއްޖެ އެވެ.

ބ. ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު މިކަމާ ގުޅޭ މާއުލޫމާތު ރާއްޖެ އެމްވީ އަށް ދެއްވަމުން ވިދާޅުވީ މުޅި ކަމަދޫ އިން ކަރަންޓް ދިޔައީ ބުދަ ދުވަހުގެ ހަވީރު 4:30 ހާއިރު ކަމަށެވެ. ކަރަންޓު ކެނޑުމަށް ދިމާވި ސަބަބަކީ ޕެނަލްބޯޑުގެ ފީޑަރެއްގެ ނަރެއްގައި އަލިފާން ރޯވުމާ ގުޅިގެން ކަމަށް ޒަރީރު ވިދާޅުވި އެވެ.

ލޯޑު ބޮޑުވެގެން އަލިފާން ރޯވި ކަމަދޫ އިންޖީނުގޭގެ ޕެނަލް ބޯޑު
ޒަރީރު ވިދާޅުވީ ކުއްލި ގޮތަކަށް ޕެނަލް ބޯޑުގައި މިގޮތަށް އަލިފާން ރޯވީ ލޯޑު ބޮޑުވެގެން ކަމަށެވެ. ފެނަލް ބޯޑަށް ދިމާވި މައްސަލަ އަކީ ވަރަށް ބޮޑު މައްސަލަ އަކަށް ވުމުން، މައްސަލަ ހައްލުކޮށް މުޅިރަށަށް ކަރަންޓް ދޭވޭނެ ވަގުތެއް އަދި ނޭނގޭކަމަށް ކަމަދޫ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކަ އިން މިހާރު ފަށާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މިއަހަރުގެ އަޟްޙާ އީދާ ދިމާކޮށް ކަމަދޫގެ ހުރިހާ ގެސްޓްހައުސް ތަކެއް ފުލް ވެފައިވާކަމަށް ޒަރީރު ވިދާޅުވި އެވެ. އީދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުން 2000 އަށް ވުރެ ގިނަ މީހުން ކަމަދޫ އަށް ޒިޔާރައްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަމަދޫއަކީ އަބަދުވެސް އީދު ފާހަގަކުރުމުގައި ތަފާތު ރީތި ނަމޫނާތަކެއް ދައްކަމުން އަންނަ ރަށެކެވެ. މިއަހަރުގެ އީދުގައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފަ އެވެ.
މުޅި ކަމަދޫ އިން ކަރަންޓު ކެނޑުމާ ގުޅިގެން ރަށުގެ ރައްޔިތުންނާއި އީދަށް ޒިޔާރަތްކޮށްފައިވާ ގިނަ އަދަދެއްގެ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކަރަންޓު ނެތުމުގެ ސަބަބުން އީދު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކަށް ވެސް ބުރޫ އަރާނެ ކަމަށް ބެލެވެ އެވެ.
ކަމަދޫގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި މަންޒަރުތައް ރާއްޖެޓީވީ އިން ދަނީ މެދުކެނޑުމެއްނެތި އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.