ބޮޑު އީދުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ބ. ކަމަދޫގައި ކުރިއަށްދާ "ކަމަދޫ އީދު އުފާ 1447" ގެ އެންމެހައި ހަރަކާތްތައް ރާއްޖެޓީވީގެ އިތުރުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ގެނެސްދޭން ފަށައިފިއެވެ.

ކަމަދޫއަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި އެންމެ ކުލަގަދަކޮށް އަދި ފޯރިއާއެކު އީދު ފާހަގަކުރާ އެއް ރަށް ކަމަށްވާއިރު، މިއަހަރުގެ ހަރަކާތްތައްވެސް އެހާމެ ފޯރިގަދަކޮށް ވަނީ ފަށާފައެވެ.

ކަމަދޫގައި ކުރިއަށްދާ އީދު ހަރަކާތްތައް ރާއްޖެޓީވީގެ އިތުރުން، އެ ސްޓޭޝަނުގެ ރަސްމީ ފޭސްބުކް ޕޭޖާއި ޓިކްޓޮކް މެދުވެރިކޮށްވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ކަމަދޫގެ އީދު ފޯރި އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ރާއްޖެޓީވީން ބުނެއެވެ.

އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ވަނީ އެ ރަށަށް ޒިޔާރަތްކުރި މެހެމާނުންނަށް މަރުހަބާ ކިއުމަށްޓަކައި ހާއްސަ ސްޓޭޖް ޝޯއެއް ބާއްވާފައެވެ. މި ޝޯއާއެކު ރަށުގެ އީދު ފޯރި ގަދަވެފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު އީދު ނަމާދަށްފަހު ވަނީ މުޅި ރަށުގެ ރައްޔިތުންނާއި މެހެމާނުން ބައިވެރިވި ބޮޑު ޖަމާއަތެއްގައި އީދު ސައި ކުރިއަށް ގެންގޮސްފައެވެ.

އީދު ސަޔަށްފަހު ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ކަމަދޫގެ މަގުތަކުގައި ސަގާފީ އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ސަގާފީ ނެށުންތަކާއި، ތާރަ ޖެހުން ފަދަ ދިވެހިވަންތަ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.

މި ހަރަކާތްތަކުގައި ރަށުގެ ކުދިބޮޑު އެންމެންނާއި، އީދަށް އެ ރަށަށް ގޮސްތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި މެހެމާނުންވެސް ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.

ކަމަދޫއަކީ އަބަދުވެސް އީދު ފާހަގަކުރުމުގައި ތަފާތު ރީތި ނަމޫނާތަކެއް ދައްކަމުން އަންނަ ރަށެކެވެ. މިއަހަރުގެ އީދުގައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ރާއްޖެޓީވީން ދަނީ މި ހުރިހާ ހަރަކާތްތަކެއްގެ އެންމެ ފަހުގެ މައުލޫމާތާއި މަންޒަރުތައް މެދުކެނޑުމެއްނެތި އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.