އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވީ  މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ދިޔަ އަޚުންނާއި އުޚުތުންވެސް ހިމެނޭހެން، ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. 

އަޟްޙާ ޢީދަކީ، މާތްﷲ ވަރަށް މުހިންމު ޢިބްރަތްތަކެއް އަދި ޙިކުމަތްތަކެއް އެކަމުގައި ލައްވައިފައިވާ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒުކަން ރައީސް ފާހަގަކުރެއްވި އެވެ.

ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭކަމުގައި ވިދާޅުވެފައި ވެ އެވެ. އަދި މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

މި ޢީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިޔުމަށާއި މި ލޮބުވެތި ދިވެހި ޤައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓުމަށް އެދިވަޑައިގެން ދުޢާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އީދު ދުވަހު ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަނީ، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރައްވައި ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރައްވަމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެއްކަމުގައި ވާތީ، މިއީ އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން ބަދަހިވެ، އަމާންކަމާއި ހިތްހަމަޖެހުން ކޮންމެ ރައްޔިތަކަށްމެ އިޙްސާސްވާ ޢީދަކަށްވުން އެދިވަޑައިގެން ހެޔޮ ދުޢާކުރައްވާ ކަމުގައި ވިދާޅުވެފައި ވެ އެވެ.